އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މައްސަލައިގައި ޖަލު ހުކުމް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް މިއަދު ހައިކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފިއެވެ.

އެ އަޑުއެހުން ހައިކޯޓުގައި ތާވަލުކޮށްފައިއޮތީ މިއަދު މެންދުރު 02:00 އަށެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައިވަނީ ފަށާފައިއެވެ. ނަމަވެސް، މި މައްސަލަ ލަސްވެ ދިގުލައިގެންދާތީ އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމަނުކުފާނުގެ ވަކީލުން ވަނީ އެ ދައުވާތައް އަނބުރާ ގެންދިއުމަށްވެސް ގޮވާލައްވާފައެވެ.

އެންމެ ފަހުން ބާއްވަން ތާވަލުކުރި އަޑުއެހުންތައްވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެދިވަޑައިގަތުމުން ވަނީ ކެންސަލް ކުރައްވާފައެވެ.

ރައީސް ޔާމިނަށް ވ.އާރަށުގައި ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.