ފަހަކަށް އައިސް ވަރަށް މަދުން ނޫނީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއިން ފެނިވަޑައިނުގަންނަވާ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބުރާހިމް ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގަ މަސްލަހަތު ހިމެނޭ މެމްބަރަކަށް ނަޝީދު ވަކިކުރުމުގެ ޖަލްސާގައި ނީންނެވޭނެކަމަށް ދައުލަތުގެ ބަންޑާރަ ނައިބު ލަފާ ދެއްވާފައި ވަނިކޮށް، ގާސިމް މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވިއިރު، އެމަނިކުފާނު ހިމެނިވަޑައިގަންނަވަނީ ސީނިއަރިޓީއަށް ބަލާ، ރިޔާސަތާ ހަވާލުވެވޭ ބޭފުޅުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ މެމްބަރެއްގެ ގޮތުގައެވެ.

މަޖިލިހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަންޖެހޭ މެމްބަރުންގެ ތެރެއިން، މަޖިލިސް ރައީސް އަދި ނާއިބު ރައީސަށް ރިޔާސަތުގައި ނީންނެވޭނަމަ ދެން ރިޔާސަތުގައި އިންނަވަންޖެހެނީ ވިލިފުށީ ދާއިރާގެ މެމްބަރުން ހަސަން އަފީފެވެ. ހަސަން އަފީފަށް ރިޔާތުގައި ނީންނެވޭނަމަ ދެން ރިޔާސަތު ބަލަހައްޓަވަންޖެހޭ މެމްބަރުންގެ ލިސްޓުގައި ގާސިމް އިބުރާހިމްގެ ނަންވެސް ހިމެނެއެވެ.

ފަހަކަށް އައިސް ގާސިމް ޖަލްސާތަކަށް ވަރަށް މަދުން ވަޑައިގަންނަވާއިރު މިހާރަކަށް އައިސް ގާސިމްގެ އެއްވެސް އަޑެއް އެެއްވެސް ދިމާއަކުން ނީވޭކަން ވެސް ފާހަގަކުރެވެއެވެ. އެމަނުކުފާނު ދިރިއުޅުއްވަނީވެސް އަމިއްލަފުޅު ރިސޯޓު ސަން އައިލޭންޑުގައެވެ