ޓެކްސް ފައިސާ އިން ހިންގަމުން ގެންދާ ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުތައް ނުކުޅެދުމަކީ ދިވެހިރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮން ޖެހުންކަމަށް ޓްރާންސްޕޯޓް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހްމަދު ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހްމަދު މިހެން ވިދާޅުވީ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސައުދުﷲ އެކްސްޕޯސްޓްގައި ވިދާޅުވީ ދިވެހި ރާއްޖެ އަށް ދިމާވެފަ އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެކްސް ފައިސާ އިން ހިންގަމުން ގެންދާ ވައްކަމާއި ކޮރެޕްޝަން ހުއްޓުވުމަށް ސަރުކާރުތައް ނުކުޅެދުން ކަމަށާއި ދައުލަތުގެ ބަޖެޓް -%20، %25 (20 އިން ސައްތަ، 25 އިންސައްތަ) އަކީ އަކީ ކޮރަޕްޝަން ކަމަށެވެ.

މިހެން ވިދާޅުވުމަށްފަހު ސައުދުﷲ ވިދާޅުވީ ޑރ މުއިއްޒުގެ ސަރުކާރުން މިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި މިވަބާ ނައްތަވާލައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ސައުދުﷲ މިހެން ވިދާޅުވެފައި ވާއިރު ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ވަރުގަދަ ޖަރީމާ، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ކުރީގެ ނައިބުރައީސް އަހްމަދު އަދީބާއި އަބްދުﷲ ޒިޔަތަށް ކުށް ސާބިތުވެ ކޮށްފައިވާ ހުކުމް ހަމަވެ މިދެމީހުން ވަނީ މިހާރު މިނިވަން ވެފައެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއެއް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ޒިޔަތުގެ މައްޗަށް އުފުލި 32 ދައުވާއެއް ސާބިތުވެ 11 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވެއެވެ. މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރާއި އިހްތިޔާރުގެ ދަށުން އަހްމަދު އަދީބާއި އަހްމަދު ޒިޔަތުގެ ޖަލު ހުކުމްގެ މުއްދަތު ރައީސްއިބްރާހީމް މުހައްމަދު ސާލިހް ވަނީ ކުރުކުރައްވާފައެވެ. އަދި މިހާރު ދެމީހުންވެސް ވަނީ މިނިވަންވެފައެވެ.

ރާއްޖޭގެ ޖަލުތަކުގައި ކުދިކުދި ވައްކަން، ފޭރުންފަދަ މައްސަލަތަކުގައި ދެއަހަރަށް، ނޫނީ އަހަރަކަށްވުރެ ކުޑަދުވަސްކޮޅެއްގެ މުއްދަތަށް ހުކުމްކޮށްފައިވާ ގައިދީން އެއްވެސް ފުރުސަތެއް ނުލިބިފައި ތިބިއިރު ބޮޑެތިބޮޑެތި ޖަރީމާތަކުގެ ބޭފުޅުން މިނިވަންވަނީ ފަސޭހަ އަވަސް ގޮތަކަށް މިނިވަންވާތަން ފެނުމަކީ ޔަގީނުންވެސް ފެންނަން އޮތް ކޮރަޕްޝަނެއްކަން ގައިމެވެ.

ރިހާކުރުފުޅިއެއް ވަގަށް ނަގާ ޒުވާނާއަށް ކުރާ އެއް އަހަރުގެ ހުކުމް ތަންފީޒުކުރަން ޖެހެނީ ޖަލުގައެވެ. އެއްފައި ބިނދި ހަކުރާއި ލެއާއި ތެލާ ހުރިހާ އެއްޗެއް މައްޗަށް ދިޔަޔަސް ގޭ ބަންދެއް ނުދެވެއެވެ. ގާނޫނު ތަންނުދޭތީއެވެ. އެކަމަކު ބޮޑެތި ހިޔާނާތުގެ ކުށް ސާބިތުވެ ޖަލަށް ކުރާ ބޮޑެތި ހުކުމްތަކުން ސަރުކާރުގެ މަތީ މަގާމުތައް ފުރުއްވި ބޭފުޅުން ސަލާމަތްވަނީ ވަރަށް ފަސޭހައިން އެހާމެ އަވަހަށެވެ. އެންމެ ފުރަތަމަ ގާނޫނީ އިމުގެ ތެރެއިން ހާލަތު ހުންނަ ގޮތުން ޖަލުހުކުމް ގޭގެބަންދު ހުކުމަކަށް ބަދަލުވެއެވެ. އެއަށްފަހު އެހުކުމުގެ ހައެއްކަ މަސް ބާކީ އޮންނާނެހެން ބާކީ ދުވަސްތައް ހުކުމުން އުނިކުރެވެއެވެ. އަދި ދެން ފަސޭހަކަމާއެކު މިނިވަންވެދެއެވެ.

ސައުދުﷲ އެއިޝާރާތް ކުރެއްވައި ވިދާޅުވިފަދަ، މިދެންނެވި ފަދަ ކޮރަޕްޝަނަށް ނޫނެކޭ ބުނާ ސަރުކާރަކަށް ހުރިހާ ދިވެހިންވެސް އުއްމީދުކޮށް އިންތިޒާރުކުރާނެކަން ޔަގީނެވެ.