މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމުގެ ދެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް ދެ މެންބަރުން އަޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސް އޮފީހުން މިއަދު އަލުން ހުޅުވާލައްވައިފިއެވެ.
މިއާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައި، 18 ނޮވެންބަރު 2024 ގައި ކޮށްފައިވާ ނަންބަރު 1/2024/91/ޕީ.އޭ.އޯ-1(އައި.ޔޫ.އެލް) އިއުލާނު ވަނީ ބާތިލުކޮށްފައެވެ.
އެ ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައްވާފައިވަނީ މިއަދުން ފެށިގެން 9 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމު ޑައުންލޯޑު ކުރެއްވޭނެއެވެ.