“އާނ ބޮޑުދައިތަވެސް އައިސް އެބައުޅޭ. ބޮޑުދައިތަވެސް ބުނީ ހަމަ ތިޔަހެން”
“ބޮޑުދައިތަ އައީ ކޮންއިރަކު؟”
“މީގެ ދެ ދުވަސް ކުރިން.”
“ގޭގެ ކަންތައްތައް ރަނގަޅޭ ބުނިތަ؟”
“އާނ. ޞާބިރާގެ ކާވެނި ހަމަޖެހުނު ވާހަކަވެސް ބުނި. އައީވެސް އެ ވާހަކަ ބުނަންވެގެން.”
“އެހެންތަ؟” އޭނާ އަޙްސަނާއި، ޝެހެރޫޒްގެ ދިރިއުޅުން އަޅައި ބަލާން ފަށައިފިއެވެ. އަޙްސަން މައްސަލަތައް ޙައްލުކުރަމުން ދަނީ ކިހައި އަވަހަކަށް ހެއްޔެވެ؟ ޝެހެރޫޒް އަދިވެސް އެ އުޅެނީ އެންމެ ކަމެއް ޙައްލު ނުކުރެވިގެންނެވެ. އޭގެ ފަހުން އަސްމާ ދެއްކި އެއްވެސް ވާހަކައެއް އޭނާއަކަށް އަޑެއް ނީވެއެވެ. އޭނާ ހުރީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ.
އަސްމާ ދެކެން އަންނަން ހަމަޖެހިފައި އޮތް މީހުން އަތުވެއްޖެއެވެ. އެހެންވީމާ އޭނާވެސް އެ ތަނުން ހިނގައްޖެއެވެ. ކުޑައިރުކޮޅެއް ފަހުން މަންމަ އައިސް ފިރިހެންކުއްޖާގެ ވާހަކަ އޭނާއަށް ކިޔައިދީފިއެވެ.
“ކަމުދާ ކުއްޖެއް ނޫން.”
“އެއީ ކީއްވެގެން؟”
“އޭނާގެ އަމިއްލަ ގެއެއްވެސް ނެތް؟”
“ގެއެއް ނެތަސް އޭނާއަށް ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ. އެހެންވީމާ ގެވެސް އެޅިދާނެއެއްނު؟”
“އެހެން ވެއްޖެއްޔާ ގެ އަޅައި ނިންމާފައި އަސްމާޔާ އިންނާށޭ އޭނާ ގާތު ބުނޭ.”
“އެހައި ގިނަ ދުވަހު އިންތިޒާރު ކުރަނީ ކާކު؟ ގެއެއް އެޅުމަކީވެސް މާ ފަސޭހަ ކަމެއް ނޫން.”
“އަހަރެންވެސް މި ބުނަނީ ތިޔަހެން. ކާވެނި ކުރުމާއެކު ޚަރަދުތައް ވެސް ބޮޑުވެގެންދާނެ. ދުވަހަކުވެސް ގެއެއް ނޭޅޭނެ.”
“ދަރިފުޅާ. މަންމައަށް ހީވަނީ އެ ކުއްޖާޔާ އަސްމާ ދެވާން ދެކޮޅު ހަދައިފިއްޔާ ރަނގަޅު އާއިލާއެއްގެ ކުއްޖަކު ހޯދަން ފަސޭހައެއް ނުވާނެހެން. ތިޔަހައި ކުޑަކުޑަ ކަމަކާ ހެދި ދެކޮޅު ހެދުން ރަނގަޅެއް ނުވާނެ.”
“މަންމާ. އެއީ ކުޑަކުޑަ ކަމެއް ނޫން. އެކަމަކު މަންމަ ވަކި ގޮތަކަށް ނިންމާފައި އޮތިއްޔާ އަހަރެން ދައްކާނޭ ވާހަކައެއްނެތް. އެކަމަކުވެސް އަހަރެން ބުނާނީ މަންމަމެން އަސްމާ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވައްޓައިލަނީއޭ.”
“ކަލޭ މީގެ ކުރީން އަޙްސަނާ ބެހޭ ގޮތުންވެސް ތިޔަކަހަލަ ވާހަކަ ދެއްކީމެއްނު؟ މިހާރު ނިކަން ދެކިބަލަ އޭނާޔާ ސުހެރާ ދެ މީހުން އެ އުޅެނީ އުފަލުގައި.”
“އުފަލުގައެއް ނޫން. އުފަލުގައި ކަމަށް ހެދިގެން އުޅެނީ.” އޭނާ ބުންޏެވެ. “އަޙްސަން ސެހެރަށްޓަކައި ކިތަންމެ ބޮޑު ގުރުބާނީއެއް ވިޔަސް އަދިވެސް އޭނާ އެ އުޅެނީ އަހަރެންގެ ޚިޔާލު ސިކުނޑިން ފޮހެނުލެވިގެން.”
“އެހެންވެއްޖެއްޔާ އަހަރެމެން ހަދާނީ ކިހިނެއް؟” އޭނާ ހިމޭނުން ހުންނާން ފެށީމާ މަންމަ އަހައިލިއެވެ.
“އަހަރެން ބުނާނީ ކީކޭ؟ މަންމަ ބައްޕަޔާ ވާހަކަ ދައްކާ. މަންމަޔާއި ބައްޕައަށް ފެންނަ ގޮތަކަށް ހެދީމާ ހުންނާނީ ރަނގަޅަށް.” އޭނާ ބޮލުން ނައްޓައިލިއެވެ.
ޝެހެރޫޒް އައުމާއެކު އޭނާ ގެއަށް ދާން ތައްޔާރުވާން ފަށައިފިއެވެ. ރޭގަނޑު ކައިގެން ދާން މަޑުކުރާށޭ މަންމަ ބުންޏެވެ. އެހެންނަމަވެސް މާބޮޑަށް ލަސްވެއްޖެއޭ، ދުއްވާ އެއްޗެއްވެސް ނުލިބޭނެއޭ ބުނެ މަޑުކުރާކަށް އެއްބަހެއް ނުވިއެވެ.
“މަންމަމެން ނިންމާ ގޮތެއް އަހަރެމެންނަށް އަންގައިލާތި.” އޭނާ ނުކުމެގެން ދަމުން ބުނެލިއެވެ.
“މި ހިސާބުން ކުރޮޅިއެއް ހުއްޓުވަމާ ހިނގާ.” އޭނާ ބޭރަށް ނުކުމެ ޝެހެރޫޒާ ދިމާއަށް ބުނެލިއެވެ.
“ބަހުގައި ދަމާ ހިނގާ.”
“ބަހުގައޭ؟” އޭނާއަކަށް ގަބޫލެއް ނުކުރެވުނެވެ.
“މިއަދު މިއީ މަހުގެ އެންމެ ފަހު ދުވަސް. ކުރޮޅީގައި ދާކަށް އަހަރެންގެ އަތަކު ފައިސާއެއް ނެތް.”
“ކުރިން އެހެން ބުނި ނަމަ އަހަރެން މަންމަ އަތުން ފައިސާ އަތުލައިފީމުސް.”
“މަންމަ އަތުން އަތުލާނެކަމެއް ނެތް. ބަހުގައި ދިޔައިއްޔާ ވާނީ ކީއް؟”
“ކަމެއް ނުވާނެ. ގަޑިއަކަށް ވުރެ ގިނައިރު ބަހުގެ އިންތިޒާރުގައި ތިބެން ޖެހޭނެ. އެ ނޫން ކަމެއް ނުވާނެ.” އޭނާ މިހެން ބުނެފައި ދުރު ބަލާން ފަށައިފިއެވެ.
އެއީ ތެދެކެވެ. ބަހުގެ އިންތިޒާރުގައި ވަރަށް ގިނައިރު ތިބެން ޖެހުނެވެ. އޭނާ ވަރުބަލި ވާންވެސް ފަށައިފިއެވެ. ދެ ބަހެއް އައެވެ. އެހެންނަމަވެސް ދެ ބަސްވެސް އޮތީ ފުރިފައެވެ. އެއީ އެހައި މީހުން ގިނަ ހިސާބެއްވެސް ނޫނެވެ. ޒާރާ އެންމެ ފަހުން ވަރުބަލިވެގެން ކޮޅަށް ހުރެވޭ ވަރު ނުވީމާ މަގުގެ އެއްފަރާތުގައި ހުރި ފާރުބުރިއެއްގެ މަތީގައި އިށީނދެއްޖެއެވެ. ޝެހެރޫޒް އޭނާޔާ ދިމާއަށް ބަލައިލާފައި އިށީނދެ އިންނާށޭ ބުނާކަހަލަ ގޮތަކަށް އިޝާރާތްކޮށްލާފައި ބަސް އާދޭތޯ ދުރަށް ބަލަން ފަށައިފިއެވެ.
މާގިނަ އިރުތަކެއް ނުވެ ޝެހެރޫޒް ދުވެފައި ކަހަލަ ގޮތަކަށް އޭނާގެ ކައިރިއަށް އަތުވެއްޖެއެވެ.
“ޒާރާ. އަވަހަށް ހިނގާ. އަހަރެންގެ ރައްޓެއްސަކާ ދިމާވެއްޖެ. އޭނާ އަހަރެމެން ގެއަށް ގެންގޮސްދޭނެ.”
އޭނާ ދާހިތް ނުވިޔަސް ޝެހެރޫޒާ އެކީގައި ހިނގައިގެންފިއެވެ. ކާރަށް އެރުމަށްފަހު ޝެހެރޫޒްގެ ރަހުމަތްތެރިޔާއާ ދިމާއަށް ބަލައިލިއެވެ. އެހެންނަމަވެސް އޭނާގެ މައްޗަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެންމެ ބޮޑު ސަބަބަކީ އޭނާ ވަރުބަލިވެފައި ހުރުމެވެ. އޭނާ ބޭނުންވަނީ ވީހައިވެސް އަވަހަކަށް ގެއަށް ދާށެވެ. އެކަމަކު ޝެހެރޫޒްގެ ރަހުމަތްތެރިޔާ އެމީހުން ގޮވައިގެން ދިޔައީ އޭނާގެ ގެއަށެވެ.
“މިތަނަށް އައީ ކީއްކުރަން؟” އޭނާ ގޭގެ ބޮޑުކޮޓަރި ތެރެއަށް ވަދެ އަހައިލިއެވެ.
“އަހަރެން ޚާވަރު ގާތު ބުނިން އެހެން ރެއަކުން އަންނާނީއޭ. އެކަމަކު އޭނާ ގަބޫލެއް ނުކުރި.” ދެން ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލުމަށްފަހު ބުންޏެވެ. “އަހަރެމެންނަށް ގެ ދައްކައިލާން ބޭނުންވަނީ ކަމަށް ވެދާނެ.”
“އެއީ ކީއްކުރާ މީހެއް؟” މިހާރު އޭނާ ބަލަމުން ދަނީ ބޮޑުކޮޓަރި ތެރޭގެ ޒީނަތްތެރިކަމަށެވެ. އަގުބޮޑު އެއްޗެހީން ޒީނަތްތެރި ކުރެވިފައިވާ މި ކޮޓަރިން އޭނާގެ މުއްސަނދިކަން ވަރަށް ރަނގަޅަށް އެނގެއެވެ.
“ނޭނގޭ.”
“ކީކޭ؟ އެއީ ޝެހެރޫޒްގެ ރަހުމަތްތެރިއެއްނު؟ އެހައި ގާތް މީހަކު ކުރާ ކަމެއްވެސް ނޭނގެނީތަ؟”
“އަހަރެންވެސް މިހުންނަނީ ހައިރާންވެފައި. ވަޒީފާއެއް ނުލިބިގެން އަހަރެމެން ދެ މީހުން އެކި ތަންތަނަށް ދުވެދުވެފައި އުޅުނު ހަނދާން މިހާރުވެސް އެބަހުރި. އެއީ މާކުރީގެ ހަނދާނެއްވެސް ނޫން. އަހަންނަށް ވަޒީފާއެއް ލިބުނީ. ޚާވަރް ދިޔަ ތަނެއް އަހަންނަކަށްވެސް ނޭނގޭ. އޭގެ ފަހުން ފުރަތަމަ ބައްދަލުވީ ދުވަހަކީ މިއީ.”
“އޭނާ އުޅެނީ މި ގޭގައިތަ؟”
“ނޫނޭ…” އޭނާ އިތުރު ވާހަކަދައްކަން ބޭނުންވިއެވެ. އެކަމަކު އެވަގުތު ޚާވަރު އެތަނަށް އަތުވެއްޖެއެވެ. އެހެންވީމާ ހިމޭންވީއެވެ.
“ޝެހެރޫޒް.” ޚާވަރް އައިސް ގޮނޑިއެއްގައި އިށީނދެއްޖެއެވެ. “މިހާރު ތިޔަ އުޅެނީ ކޮން ތަނެއްގައި؟”
“އަހަންނަށް ވަޒީފާ ލިބުނީ ކޭ އެންޑް ކޭއިން. މިހާރުވެސް މިއުޅެނީ އެތާނގައި. ޚާވަރް ކުރަނީ ކޮން މަސައްކަތެއް؟” ޖަވާބު ދިނުމަށްފަހު އޭނާވެސް ސުވާލެއް ކޮށްލިއެވެ.
“އަހަރެން..؟” އޭނާ ވަރަށް ބާރަށް ހީނގަތެވެ. “އަހަރެން މަސައްކަތް ކޮށްކޮށް ވަޒީފާއެއް ލިބޭގޮތެއް ނުވި.”
“ވިޔަފާރިއެއް ކުރަނީތަ؟”
“ވިޔަފާރިއެއްކަމަށް ހީކޮށްލާ.”
“ހީކޮށްލާށޭ ތިޔަ ބުނީ ކީއްވެގެން؟”
“އަހަރެން ކުރާކަމަކީ ދަތުރުކުރުން. ތިންމަހުން ނުވަތަ ހަމަހުން ކަހަލަ ގޮތަކަށް ބޭރަށް ދާންޖެހޭ. އޭގެ ފަހުން އޮންނަނީ އުފަލާއި އަރާމު.” އޭނާ އަނެއްކާވެސް ހީނގެންފިއެވެ.
“އަހަންނަކަށް ނުވިސްނުނު.” ޝެހެރޫޒް ބުނެލިއެވެ.
“ހުރިހައި ކަމެއް އޮންނަނީ ކުޑަކުޑަ ބްރީފްކޭހެއްގައި. އެ ހިފައިގެން އަހަރެން ދަނީ ބޭރަށް. އޭގެ ބަދަލުގައި އަހަރެންނަށް ލިބޭ ޢަދަދު ޝެހެރޫޒްގެ ހިތަކަށްވެސް ނުގެނެވޭނެ.”
“ތިޔަ ބުނަނީ..؟”
“އާނ. ރަޙްމަތްތެރިޔާ! އެ ނޫން ގޮތެއް އަހަންނަށް ނުފެނުނީ. ޝެހެރޫޒަށް ވަޒީފާއެއް ލިބިއްޖެ. އަހަރެން އޭގެ ފަހުންވެސް އެތައް ދުވަހެއް ވާންދެން ވަޒީފާއެއް ލިބޭތޯ މަސައްކަތް ކުރިން. އެންމެ ފަހުން ތިން އިރު ކެވޭނެ ގޮތްވެސް ނެތުނީ. ތިމާގެ މީހުގެ ވާހަކަ ނުދައްކާ. އަހަރެންގެ އުފަން މަންމަވެސް އަހަރެން ގެއިން ނެރެލީ. މަންމައަށް ހީވަނީ އަހަރެން ވަޒީފާއެއް ހޯދާށޭ ކިޔާފައި ނުކުމެގެން ގޮސް ނުބައި ގޮތްގޮތަށް އުޅެނީއޭ.” އޭނާ ވާހަކަ ކިޔައިދީދީ ހުރެފައި ކުއްލިއަކަށް މަވްޟޫއު ބަދަލުކޮށްލިއެވެ.
“ދެން އެ ވާހަކަ ބާއްވަމާ ހިނގާ. ވީ ކަމެއް ވީ. ރަނގަޅަށް ވަޒީފާއެއް އަދާކުރިނަމަ ލިބުނީހީ ކޮން އެއްޗެއް؟ ވާނެހައިވެސް ވަރަކީ ބަނޑަށް މަރުނުވެ ފަރުޖެހުން. އެ ނޫން ވަރެއް ނުވާނެ. މިހާރު އަހަރެން މިއުޅެނީ ވަރަށް އަރާމުގައި. ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހައި އަންހެން ކޮއްކޮއިންގެ ކާވެނިކޮށް ނިންމައިފިން. ދެ ފިރިހެން ކޮއްކޮއިންނަށް ވިޔަފާރި ފައްޓައިދީފިން.”
އޭނާ ފުން ނޭވައެއްލިއެވެ. އެ ވަގުތު ނޯކަރަކު އައިސް ކާން ހެދުނު ވާހަކަ ބުނެފިއެވެ. އޭނާ ތެދުވެއްޖެއެވެ.
“ހިނގާ ފަހަރި… ކާން ހިނގާ…”
“އަހަރެ…”
“ބީރައްޓެހިވެގެން ކަމަކު ނުދާނެ. އަވަހަށް ހިނގާ.”
ޝެހެރޫޒް ތެދުވީމާ ޒާރާވެސް ތެދުވެއްޖެއެވެ.
“ޚާވަރް…” ކާކޮޓަރި ތެރެއަށް ވަދެ މޭޒު ދޮށުގައި އިށީނުމަށްފަހު ޝެހެރޫޒް ބުނެލިއެވެ. “ތިޔައީ ވަރަށް ނުރައްކާތެރި މަސައްކަތެއްނު؟”
“ނުރައްކާތެރި ނޫން މަސައްކަތެއް އޮވޭތަ؟ ނުރައްކަލާ ކުރިމަތި ނުލައެއްވެސް ނުވާނެއެއްނު؟” ޒާރާ އަޙްސަނާ ދިމާއަށް ބުނި އެއްޗެއް މިތާނގައި ތަކުރާރުކޮށްލިއެވެ.
“ފަހަރި ތިޔަ ބުނީ ރަނގަޅު ވާހަކައެއް.” ޚާވަރް ތާއީދު ކުރުމުގެ ގޮތުން ބުނެލިއެވެ.
“އެއްފަހަރުވެސް ހައްޔަރުކުރިތަ؟”
“އާނ. ދެ ފަހަރަކު ހައްޔަރުކުރި.” އޭނާ އެހެން ބުނި ގޮތުން ހީވަނީ އެއްވެސް ކަމެއް ނޫނޭ ބުނާ ހެންނެވެ. “ފައިސާ… ހުރިހައި ކަމެއްވެސް ނިމިގެން ދަނީ ފައިސާގެ ބާރުގައި. އަހަރެން ހައްޔަރުކޮށްފައި ދެ ގަޑިއިރަށް ވުރެ ގިނަ އިރެއް ނުވާނެ.”
“ސަލާމަތްކޮށް ދިނީ ކާކު؟”
“ފައިސާ.” އޭނާ ބުންޏެވެ. “މި ބުނީ ވަކި މީހަކު އަހަރެން ސަލާމަތްކޮށް ދިނީއެއް ނޫނޭ. ފައސާގެ ސަބަބުން ސަލާމަތްވީއޭ. އަހަރެން ދޭން ޖެހުނީ މާ ގިނަ ފައިސާއެއްވެސް ނޫން. ފަންސާހަކަށް ހާސް ރުފިޔާ.”
“ފަންސާސްހާސް ރުފިޔާއަކީ މާބޮޑު އެއްޗެއް ނޫނީތަ؟” ޝެހެރޫޒް ހީނގަތެވެ.
“ލިބޭ މިންވަރާ ބަލާފައި އެއްވެސް އެއްޗެއް ނޫން.” މިހެން ބުނެފައި ކުއްލިއަކަށް ޒާރާއާ ދިމާއަށް ބަލައިލިއެވެ. “ފަހަރި އެއްވެސް އެއްޗެއް ނުކައި ތިޔަ އިންނަނީ ކީއްވެގެން؟”
“ހޫނ…” އޭނާ ދިޔައީ ސިއްސައިގެންނެވެ.
“މި ދުވަސްވަރު ތިޔަ ކުރަނީ ކޮން މަސައްކަތެއް؟” ޚާވަރް ތުންފުހިން އަތްފުހެލަމުން އަހައިލިއެވެ.
“ކުރާނީ ވަކި ކޮން މަސައްކަތެއް. ކޮއްކޮގެ ކާވެނީގެ ކަންތައް އޮތީ ބޯމަތި ވެފައި. މި އުޅެނީ އެ ފިކުރުގައި. ތަނެއްގައި އިތުރު ވަގުތު މަސައްކަތްވެސް އެބަ ކުރަން އެކަމަކު.”
“ޝެހެރޫޒްގެ ތިންހަތަރު ކޮއްކޮއިން ތިބެއެއްނު؟” ޚާވަރް ބުނެލިއެވެ. “ފިކުރު ނުކުރޭ. ބޭނުމެއް ޖެހިއްޖެއްޔާ އަހަރެން ގާތު ބުނާތި. ޝެހެރޫޒްގެ ކޮއްކޮއިންނަކީ ހަމަ އަހަރެންގެވެސް ކޮއްކޮއިން.”
“ޝުކުރިއްޔާ. ތިޔަހެން ބުނެލީމާވެސް ފުދޭ.”
“މިއީ ހަމައެކަނި ބުނެލި ވާހަކައެއް ނޫން. އަހަރެން މިހިރީ ކޮންމެ އެހީއެއްވެސް ވާން ތައްޔާރަށް. ރައްޓެހިންގެ ގޮތަކީ އެއީއެއްނު؟” އޭނާ އިޚްލާސްތެރިކަމާއެކު ބުނެލިއެވެ.
އޭނާ އިޚްލާސްތެރިކަމާއެކު ބުނެލިއެވެ.
“ޒާރާ. އަހަންނަން ހީވަނީ ދެން ދާންވީހެން.” ޝެހެރޫޒް ތެދުވަމުން ބުނެލިއެވެ. “އާނ. ވަރަށް ލަސްވެއްޖެ. މަންމަ ހުންނާނީ މިހާރު ކަންބޮޑުވެފައި.”
“ސައެއް ނުބޯނަންތަ؟”
“ސައި ބޯން އެހެން ދުވަހަކުން އަންނާނީ.”
“އެންމެ ރަނގަޅު. ޝެހެރޫޒްމެން ގެއަށް ލައި ދޭށޭ އަހަރެން ޑްރައިވަރު ގާތު ބުނާނަން. އަހަންނަށް ވަރަށް މުހިއްމު ފޯނު ކޯލެއް ވަރަށް އަވަހަށް އަންނާނެ. އެހެން ނޫންނަމަ ގެއަށް ލައިދޭން ދިޔައީހީ އަހަރެން.”
“މައްސަލައެއް ނެތް.”
ޚާވަރް އެ ދެ މީހުންނާއެކު ބޭރަށް ނުކުމެފައި ކުއްލިއަކަށް ބުނެލިއެވެ. “ޝެހެރޫޒް ބޭނުމިއްޔާ އަހަރެން މި ކަހަލަ ދަތުރަކު ޝެހެރޫޒްވެސް ފޮނުވައިދީފާނަން.”
“ނޫނޭ.” އޭނާ އަވަސް އަވަހަސް ބުނެލިއެވެ.
“ވިސްނައިލާތި. އެންމެ ދަތުރަކުން ހުރިހައި ކަމެއް ހަމަޖެހިގެން ހިނގައިދާނެ.” އޭނާ އެއް ލޯ މަރައިލިއެވެ.
ޝެހެރޫޒް އަނގައިން ނުބުނެ ކާރަށް އަރައިފިއެވެ.
“މާބޮޑަށް ހާސްވާނެކަމެއް ނެތް. އަހަރެން މި ދެއްކި ވާހަކަޔާ މެދު ވިސްނައިލާތި.” ޚާވަރް ބުނެލިއެވެ.
* * *
ޚާވަރްގެ ވާހަކަޔާމެދު ޝެހެރޫޒް ވިސްނާކަމެއް ޒާރާއަކަށް ނޭނގެއެވެ. އެކަމަކު އެ ގެއިން އައީއްސުރެ ޒާރާގެ ހިތަކު އެހެން ވާހަކައެއް ނެތެވެ. ޚާވަރްގެ ވާހަކަޔާ މެދު ވިސްނަމުން ދިޔައިރު އޭނާ އެ ބުނަނީ ނުބައި ކަމެއް ކުރުމުގެ ވާހަކައޭ އެއްފަހަރުވެސް ޒާރާގެ ހިތަކަށް ނާރައެވެ.
ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާ ގަބޫލުކުރާ ގޮތުގައި ކޮންމެ ގޮތަކަސް ފައިސާ ލިބުނަސް ލިބިގަންނާންވީއެވެ. ވޭތުވެދިޔަތަން އޭނާ ހޭދަކޮށްފައި ވަނީ އޭނާގެ މި ނަޒަރިއްޔާއާ ގުޅުމެއް ނެތް ދިރިއުޅުމެއްގައެވެ. އެއީ ކީއްވެގެން ކުރެވުނު ކަމެއް ކަމެއް އޭނާ އަކަށް ނޭނގެއެވެ. މިހާރު ހައިރާންވެސް ވެއެވެ. އޭނާގެ މައިގަނޑު މަގުސަދަކަށް ވެފައި އޮތީ ފައިސާ ހޯދުމެވެ. އޭނާގެ ކޮއްކޮމެންނަށް ވިސްނައިދޭ ގޮތަކީ ވެސް އެއީއެވެ. އޭނާ މަގުސަދުން ބޭރުގައި ދިރިއުޅުން ވޭތު ކުރަމުން ދަނީ ކީއްވެގެން ބާވައޭ ހިތަށް އެރިއެވެ. ހިތަށް އެރިއެވެ.
“އަހަރެންގެ މަގުން އަހަރެން އެއްކިބާ ކުރީ ޝެހެރޫޒްގެ ލޯބިކަން ޔަގީނެވެ.”
ހުރިހައި އިލްޒާމެއް އޭނާ އެޅުވީ ޝެހެރޫޒްގެ ބޮލުގައެވެ. އަދި އަނެއްކާވެސް އޭނާގެ ވިސްނުމަށް އެނބުރި ހިނގައްޖެއެވެ.
އެ ދުވަހު ޝަކީލާ އިންނާން އުޅޭ މީހާގެ ގޭގެ މީހުން އައިސްފައި ދިޔަ ފަހުން މަންމަގެ މޫނުމަތީން ފެންނަނީ ފިކުރު ބޮޑުވުމުގެ އަސަރުތަކެވެ. އެގޭ މީހުން ބޭނުންވަނީ ކާވެނި އަވަސް ކުރާށެވެ. ގޭގެ އެހެން މީހުންވެސް ތިބީ ފިކުރު ބޮޑުވެފައެވެ. އޭނާ ކޮޓަރިއަށް އައި އިރު ޝެހެރޫޒްވެސް ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނެވެ. މަންމަ އޭނާޔާ އެ ވާހަކަ ދެއްކީކަން ޒާރާއަށް އެނގިއްޖެއެވެ.
“ތިޔަ ވިސްނަނީ ކޮން ކަމަކާ؟” އޭނާ އަށް އެނގުނު ނަމަވެސް ސުވާލުކޮށްލިއެވެ.
“އެއްވެސް ކަމަކާ ނޫން.” އޭނާ ހުރީ ވާހަކަ ދައްކާ ކަހަލަ މޫޑެއްގައެއް ނޫނެވެ.
“ތިޔަ ވިސްނަނީ ޝަކީލާގެ ކާވެންޏާ މެދުގައިތަ؟”
“އާނ…” އޭނާ ފުން ނޭވައެއްލިއެވެ.
“ހާސް ވިޔަކަސް މައްސަލަ ހައްލެއް ނުކުރެވޭނެއެއްނު؟ ކޮންމެވެސް ކަމެއް ކުރެވޭތޯ ބަލާ.” އޭނާ ބުނެލިއެވެ.
ޝެހެރޫޒް ސުވާލުގެ ނަޒަރަކުން ޒާރާއާ ދިމާއަށް ބަލައިލިއެވެ.
“ޚާވަރްގެ ވާހަކަ ގަބޫލު ކުރިނަމަ…” ޒާރާ ވަރަށް އާދައިގެ ރާގަކަށް ބުނެލިއެވެ.
ޝެހެރޫޒް ކުއްލިއަކަށް ތެދުވެ އިށީނދެއްޖެއެވެ. އެއީ އޭނާއަކަށް އާދައިގެ ވާހަކަ އަކަށް ނުވެއެވެ.
“ޝެހެރޫޒް… އަހަރެންގެ ވާހަކަ އަހާބަލަ. ޝެހެރޫޒްގެ ކުރިމަތީގައި އޮތީ ހަމައެކަނި ޝަކީލާގެ ކާވެނީގެ މައްސަލައެއް ނޫން. އޭގެ ފަހުންވެސް ތިން ކުއްޖަކު އެބަތިބި. އެންމެންގެ ކަންތައްތައް ހަމަނުޖެހިގެން އުޅެނިކޮށް ޝެހެރޫޒް މުސްކުޅިވެދާނެ.”
“ޒާރާ. ތިޔަ ވާހަކަ ހުއްޓާލާ.”
“ޝެހެރޫޒް. މީއީ، ރަނގަޅު ދަނޑިވަޅެއް. މިކަހަލަ ދަނޑިވަޅެއް ނަގާލައިގެން ނުވާނެ. އެންމެ ފަނަވަރަކަށް ދުވަހުން މުޅި ދިރިއުޅުން އަރާމުގައި ވޭތު ކޮށްލެވޭ ވަރަށް ފައިސާ ލިބިދާނެ. އެއީ އެއްވެސް ކަހަލަ ބުރައެއް ނުއުފުލާ ލިބޭ ފައިސާ.”
“ޒާރާ އެކަމަކު…”
“އެކަމަކުއޭ ކިޔައިގެން އަމިއްލައަށް ފިކުރު ބޮޑު ކުރާން މަސައްކަތް ނުކުރޭ. ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ޝަކީލާގެ ކާވެނި ކުރަން އެބަ ޖެހޭ. އޭގެ ފަހުން…” މިއީ އޭނާ ބޭނުންވާ ގޮތަކަށް ޝެހެރޫޒް އަނބުރައިލާން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަން އޭނާއަށް އެނގެއެވެ. އޭނާގެ މޫނުމައްޗަށް ވެރިވެފައިވަނީ ފަތަހައިގެ ހިނތުންވުމެކެވެ.
“މަންމަ ގާތު އަހަރެން ބުނާނީ ކީކޭ؟”
“އެންމެ ފުރަތަމަ ޚާވަރާ ވާހަކަ ދައްކާ. ދާންވީމާ އޮފީހު ދަތުރެއްގައި ދަނީއޭ މަންމަ ގާތު ބުނާނީ.”
“ފައިސާގެ ވާހަކަ ބުނާނީ…”
“ޝެހެރޫޒް. މަންމަވެސް މި ވަގުތު އެ އިންނަނީ ފައިސާގެ ބޭނުން ޖެހިފައި. ހަދާނޭ ގޮތް ބޮޑުވެފައި. އެހެންވީމާ މަންމަ ބަލާނީ ފައިސާ ލިބޭތޯ. ލިބުނީ ކިހިނެއްތޯ އޮޅުން ފިލުވާކަށް މަންމައެއް ނޫޅޭނެ. ފަހުން އަހައިފިއްޔާ ކޮންމެވެސް އެއްޗެކޭ ބުނެލާނީ.”
ޝެހެރޫޒް ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިއްޖެއެވެ.
“މާދަމާ ޚާވަރާ ބައްދަލުކުރަން ދާނަން ދޯ؟”
އޭނާ ބޯ ޖަހައިލުމާއެކު ޒާރާގެ ހުރިހައި ހުވަފެނެއް ހަގީގަތަކަށް ވެގެން ދިޔަ ކަހަލައެވެ.
* * *
އަނބިމީހާގެ އަތް މައްޗަށް ދިރިއުޅުމުގެ ކަންތައް ދޫކޮށްލުމަށްފަހު ހިތްހަމަ ޖައްސައިލުމަކީ ގިނަ ފިރިހެނުންގެ އާދައެވެ. ދިރިއުޅުން ކުރިއަށް ގެންދަނީ އަންހެނުން ބޭނުން ގޮތަކަށެވެ. ދިރިއުޅުމުގެ ކުރީކޮޅު ކޮންޓުރޯލު އޮންނަނީ މަންމަގެ އަތުގައެވެ. މީހަކާ އިނީމާ ކޮންޓުރޯލު ލިބެނީ އަނބިމީހާއަށެވެ. މަންމަގެ އަތުގައި ކޮންޓުރޯލު އޮންނައިރު މަންމަ ވިސްނަމުން ދާނީ ދަރިފުޅުގެ ހެވަށެވެ. ދަރިފުޅުގެ ހިތްހަމަޖެހޭ ގޮތަށެވެ. އެކަމަކު އަނބިމީހާގެ އަތަށް ކޮންޓުރޯލު ލިބުނީމާ މުޅީން އެހެން ގޮތަކަށް ބަދަލުވެގެން ހިނގައިދެއެވެ. އެ ހިސާބުން ފެށިގެން އަނބިމީހާގެ އެދުންތަކަށް އިސްކަންދޭން ޖެހިދެއެވެ. ފިރިހެންމީހާ ހުންނަނީ ލޯބީގައި މަސްތުވެފައެވެ. އޭނާގެ އެންމެ ބޮޑު އުފަލަކަށް އޮންނަނީ އަނބިމީހާގެ ހިތްހަމަޖައްސައި ދިނުމެވެ. އަނބިމީހާ އުފަލުން ހުއްޓައި ފެނުނީމާ އެ ނިމުނީއެވެ. އެކަމަކު މިފަދަ މީހެއްގެ ދިރިއުޅުން ދުވަހަކުވެސް ބާއްޖަވެރިއެއް ނުވެއެވެ. ނުބައި އަނތްބެއްގެ ދަލުގައި ޖެހިއްޖެ ފިރިހެނެއްގެ ދިރިއުޅުން މުޅީން ހަލާކުވެގެން ދާނެއެވެ. މިޔާ ޚިލާފަށް ރަނގަޅު އަނތްބެއްގެ ލޯބި ލިބިއްޖެ މީހެއްގެ ދިރިއުޅުން ބާއްޖަވެރިވީއެވެ.
ދިރިއުޅުމުގެ ފުރަތަމަ ބަޔަށް ބަލާ އިރު ޝެހެރޫޒްވެސް ހިމެނެނީ ނަސީބުވެރިންގެ ތެރޭގައެވެ. އޭނާގެ ދިރިއުޅުމުގެ ހުންގާނު އޮތީ ވަރަށް ރަނގަޅު ހެޔޮ ލަފާ އަންހެނެއްގެ އަތުގައެވެ. އެ އަންހެންމީހާ އޭނާއަށް ދައްކަމުން ދިޔައީ ހެޔޮމަގެވެ. އެ އަންހެނަކީ އޭނާގެ މަންމައެވެ.
އެކަމަކު ދިރިއުޅުމުގެ ދެވަނަ ބައިގައި އޭނާގެ ދިރިއުޅުމުގެ ހުންގާނާ ހަވާލުވީ ޒާރާ ޚާނެވެ. އެއީ ކުރީގެ އަންހެން މީހާޔާ މުޅިން ތަފާތު މީހެކެވެ. އޭނާ ދިޔައީ ސާފު ސީދާ މަގެއްގައި ދަތުރު ކުރަމުން ދިޔަ މީހަކު ވާ ވައްދަމުންނެވެ. އޭނާގެ އަމިއްލަ އެދުން ތަކުގެ މަގަށް އަނބުރުވަމުންނެވެ.
ޝެހެރޫޒް ފުރައިގެން ދިޔަ ފަހުން ދިހަ ދުވަސްވެއްޖެއެވެ. އޭނާ ކެތްތެރިކަމެއް ނެތް ގޮތުގައި އިންތިޒާރު ކުރަމުންދަނީއެވެ. އިންތިޒާރުގައި ހުންނަ އިރުވެސް ޝެހެރޫޒަށް ނުރައްކާތެރިކަމެއް ދިމާވެދާނެއެކޭ ފަހަރެއްގައި ވެސް އޭނާގެ ހިތަކަށް ނާރައެވެ. އޭނާގެ ހިތުގައި ރޭވެމުންދަނީ ފައިސާ ހިފައިގެން ޝެހެރޫޒް އައީމާ އެއަށް ހަދާނޭ ގޮތެވެ.
“ޝެހެރޫޒް ދިޔައީ ކިތައް ދުވަހުން އަންނާނަމޭ ބުނެފައިތަ؟” މަންމަކަން ބޮޑުވެގެން ސުވާލުކޮށްލިއެވެ.
“ހަތަރު ފަސް ދުވަހަކުން އަތުވެދާނެ.” އޭނާ ހިތްހަމަޖެހުމާއެކު ބުނެލިއެވެ.
“މީގެ ކުރިން އޭނާ ދުވަހަކުވެސް މި ކަހަލަ ގޮތަކަށް ފުރައިގެންނެއް ނުދޭ.” މަންމަ ފިކުރު ބޮޑުވެފައި ބުނެލިއެވެ. ދަރިންނާ މެދު ފިކުރު ކުރުމަކީ މައިންގެ ކިބައިގައި ލައްވައިފައިވާ ޚާއްސަ ސިފައެކެވެ.
“މަންމަ ހާސްވާނެކަމެއް ނެތް. އޭނާ ދިޔައީ އޮފީހުގެ ކަމެއްގައި. މާގިނަ ދުވަހެއް ނުވެ އަތުވެދާނެ.” އޭނާ ކުޑަކޮށް ވިސްނައިލިއެވެ.
“މަންމަ ބޭނުމިއްޔާ އަހަރެން މާދަމާ އޭނާގެ އޮފީހަށް ފޯނުކޮށްފައި އަންނާނެ ދުވަހެއް އަހައިފާނަން.”
“އާނ! ފޯނުކޮށްފައި އަހާލާތި.”
އަނެއް ދުވަހު ފޯނު ކުރާކަށް ނުޖެހުނެވެ. ހެނދުނު ޝެހެރޫޒް އަތުވެއްޖެއެވެ. ޝެހެރޫޒްގެ ލޮލުން ފެންނާން ހުރި ވިދުވަރެގެ ސަބަބުން އޭނާ އެ އައީ ހުރިހައި މައްސަލައެއްގެ ހައްލު ހޯދައިގެންކަން އެނގެއެވެ. ޒާރާ އޭނާޔާ ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. އެ ވަގުތު އޭނާ އަނގައިން ނުބުނެ ޒާރާ ދިމާއަށް ދިއްކޮށްލީ އޭނާގެ ބްރީފްކޭހެވެ. އޭނާ ބްރީފްކޭސް ހިފައިގެން އެދިޔަ ގޮތަށް ދިޔައީ ކޮޓަރިއަށެވެ.
“މީއީ އަހަރެން ހީކޮށްގެން ހުރި ވަރަށް ވުރެވެސް ގިނަ އަދަދެއް.” ރޭގަނޑު ދެ މީހުން އެކަނި ވީމާ އޭނާ ބުންޏެވެ. “އަހަރެމެން މި ފައިސާއިން ގަންނާނީ ބޮޑު ގެއެއް. ބޮޑު ފެންޑާއަކާއި ގޯއްޗެއް އޮތް ގެއެއް.” އަމިއްލަ އެދުންތަކުގެ ބާރު ބޮޑުވީމާ ޝަކީލާގެ ކާވެނީގެ މަތީންވެސް އޭނާގެ ހަނދާނެއްނެތެވެ.
“އާނ! އެކަމަކު ފުރަތަމަ ޝަކީލާގެ ކާވެނި ކުރުވާނީ. އެހެން ކަމެއް ކުރާނީ އޭގެފަހުން.”
އޭނާ އަނގަޔަކުން ނުބުންޏެވެ.
“ދެރަ ނުވޭ. މި ފަހަރު ނުވިއްޔާ ދެން ފަހަރަކުން ވާނެ.”
“އެންމެ ރަނގަޅު.” އެހެން ފަހަރުފަހަރާ ޚިލާފަށް އޭނާ ވަރަށް އަވަހަށް އެއްބަސްވެއްޖެއެވެ.
“ޒާރާ. އަހަރެން ހުރީ ވަރަށް ބިރުން.” ޝެހެރޫޒް ބުންޏެވެ. “ބޭޒާރު ވެއްޖެއްޔާ ވާނީ ކިހިނެއް ބާވައޭ ހިތައި އަހަރެން ހުރީ ވަރަށް ކަންބޮޑުވެފައި.”
“ވާނީ ކޮންކަމެއް؟ މިހައި ގިނަ ފައިސާގެ ތެރެއިން ފަންސާސްހާސް، ނޫނީ ލައްކައެއްހައި ރުފިޔާ ޚަރަދު ކޮށްލާން ޖެހުނަސް އެ ވަރުގެ ކަމަކަށް ނުވާނެ.”
“އަޅެ ވިސްނާލަބަލަ.” އޭނާ ޒާރާ އާދިމާއަށް ފުންކޮށް ބަލައިލިއެވެ. “އެކަހަލަ ކަމެއް ދިމާވީ ނަމަ ޒާރާ ހަދަނީ ކިހިނެއް؟”
“އަހަރެން މި ފައިސާގެ ބާރުގައި ދެ ގަޑިއިރު ކީއްކުރަން އެންމެ ދެ މިނެޓުން ޝެހެރޫޒް ސަލާމަތް ކުރީމުސް. ފައިސާއަކީ ވަރަށް ބާރުގަދަ އެއްޗެއް. ޝެހެރޫޒް ނިކަން ބަލަން ހުންނާތި. ބޮޑު ގެއެއްގައި އަހަރެމެން އުޅޭން ފެށުމާއެކު ފެންނަ ކޮންމެ މީހަކު އަހަރެމެންނަކީ ތިމާގެ މީހުންކަމަށް ބުނަން ފަށާނެ.”
“އެހެންތަ؟” އޭނާ ހީނގަތެވެ. “ތިޔައީ ފަހުގެ ވާހަކަ. މިހާރު ދައްކަންވީ މަންމައަށް މި ފައިސާ ދޭނެ ގޮތެއްގެ ވާހަކަ. މަންމަ ގާތު ބުނާނީ ކީކޭ؟”
“މި ވަގުތު ބުނާނީ ދަރަންޏަށް މީހެއްގެ އަތުން އަތުލީއޭ.”
“މަންމަ ގަބޫލު ކުރާނެތަ؟”
“ޤަބޫލު ނުކުރާންވީ ކީއްވެގެން؟”
“އެންމެ ރަނގަޅު.” މިހެން ބުނެފައި އިރުކޮޅަކު ޒާރާ އާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު އޭނާ އޮށޯވެއްޖެއެވެ.
އޭގެ އަނެއް ދުވަހަކީ ބަންދު ދުވަހެކެވެ. ޒާރާ ހެނދުނު ސައިބޮއިގެން ޝެހެރޫޒާއެކު ދިޔައީ މަންމަގެ ކޮޓަރިއަށެވެ. މެހެރޫޒް އެ ވަގުތު މަންމަގެ ކައިރީގައި ކޮންމެވެސް ވާހަކައެއް ދައްކާން އިނެވެ. އެ ދެ މީހުން ވަނީމާ ދައްކާން އިން ވާހަކަ ހުއްޓާލައިފިއެވެ.
“ފަހަރި… އަވަހަށް އާދޭ.” ނަބީލާ އޭނާ އިންތަނުން ޖާގަ ދައްކަމުން ބުނެލިއެވެ.
ޒާރާ ގޮސް ނަބީލާގެ ކައިރީގައި އިށީނދެއްޖެއެވެ. ޝެހެރޫޒް އިށީނީ މަންމަގެ ކުރިމަތީގައެވެ. ކުޑައިރުކޮޅަކު އެކި ކަހަލަ ވާހަކަ ދައްކާން އިނދެފައި ޝެހެރޫޒް އަހައިލިއެވެ.
“މަންމާ. އަހަރެން ނެތީސް ޝަކީލާ އިންނާން އުޅޭ މީހާގެ ގޭ މީހުންނެއް ނާދޭތަ؟”
“އެއްފަހަރު އައި؟”
“އެ މީހުން ބުނީ ކީކޭ؟”
“އެ މީހުން ބުނީ އަވަހަށް ކާވެނި ކުރަންވީއޭ؟ ދައްކާނެ އެހެން ވާހަކައެއް އޮންނާނެތަ؟”
“އަހަންނަށް ފެންނަނީ އަވަހަށް ތާރީޚެއް ބުނަން.” އޭނާ އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ބުނެލިއެވެ.
“އެއްވެސް ކަހަލަ އިންތިޒާމެއް ނެތި ކަންތައްތައް ހަމަ ނުޖެހެނީސް ތާރީޚެއް ބުނާނީ ކިހިނެއް؟”
“އަހަރެން އައީ ފައިސާގެ ކަންތައް ހަމަ ޖައްސައިގެން.”
އޭނާ މިހެން ބުނީމާ މަންމަ ބަލާން ފެށީ މެހެރޫޒާ ދިމާއަށެވެ.
“ކޮންތަނަކުން؟ ކިހިނެއް؟” އުފާވެރިކަމުގެ ބަދަލުގައި މަންމަގެ އަޑުން ފާޅުވަނީ ބިރުވެރިކަމުގެ އަސަރެވެ.
“ލާހޯރުން. އަހަރެންގެ ކުރީގެ ރައްޓެއްސަކާ ބައްދަލުވީ. އޭނާޔާ ވާހަކަ ދައްކައިލީމާ ދަރަންޏަށް ފަންސާސްހާސް ރުފިޔާ ދިނީ.” މިހެން ބުނެފައި އޭނާ ޒާރާ އަށް އިޝާރާތް ކޮށްލީމާ އޭނާ ތެދުވެގެން ހިނގައްޖެއެވެ.
އިރުކޮޅަކުން އައިސް މަންމަގެ ކުރިމަތީގައި ފަންސާސް ހާސް ރުފިޔާ ބާއްވައިފިއެވެ. މަންމަ ދެ ލޯ ބޮޑުކޮށްގެން އިރުކޮޅަކު އެ ފައިސާއަށް ބަލަހައްޓައިގެން އިނެވެ. އެއަށްފަހު ޝެހެރޫޒާ ދިމާއަށް ބަލައިލިއެވެ.
“މިއީ ޝަކީލާގެ ކައިވެންޏަށް ގެނައި ފައިސާ.” ޝެހެރޫޒަށް މިހެން ބުނެވުނީ ވަރަށް އުނދަގުލުންނެވެ.
“އެހެން ވެއްޖެއްޔާ މެހެރޫޒް ދެއްކީ ހަމަ ރަނގަޅު ވާހަކައެއްތާ!” މަންމަގެ ރާގުގައި ހަރުކަށިކަމާއެކު ހިތާމައިގެ އަސަރުވެސް އެކުލެވިފައިވެއެވެ. “ކަލޭ ލާހޯރަށް ދިޔައީ އޮފީހުގެ ކަމެއްގައެއް ނޫން.”
“މެހެރޫޒް… އަހަރެން…” އޭނާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
“އަހަރެން ކަލޭ ކުރެން އެއްވެސް އެއްޗެކޭ އަހާކަށް ބޭނުމެއް ނޫން. މި ފައިސާ ހިފައިގެން މިތަނުން ނުކުމެގެންދޭ. މި ގެއިންވެސް ނުކުމެގެން ދޭ.”
“މަންމާ!”
“އަހަންނާ ދިމާއަށް މަންމާއޭ ކިޔައިގެން ނުވާނެ.” މަންމަ ބުންޏެވެ. “މެހެރޫޒް މީނާ ގާތު ބުނޭ މިވަގުތު މިތަނުން ދުރަށް ދާށޭ. އެހެން ނޫނީ އަހަރެން އަމިއްލައަށް މަރު ވެގަންނާނީއޭ.”
“ތިޔައީ ޝުކުރު ނުކުރުން.” ޒާރާ ކުއްލިއަކަށް ބުނެލިއެވެ. “މަންމަ ބަލަންވީ މޭވާ ކެވޭތޯ. ގަސް…”
“ޒާރާ… ކަލޭ ހިމޭނުން އިނދޭ.”
“ހިމޭނުން އިންނާންވީ ކީއްވެގެން؟” އޭނާ ހަޅޭއްލަވައިގަތެވެ. “މެހެރޫޒް މަންމަ ގާތު ބުނީ ކީކޭ ކަމެއް އަހަންނަކަށް ނޭނގެ. ކޮންމެ ވާހަކައެއް ބުންޏަސް އެއީ ހައްތަހާވެސް ދޮގު ވާހަކަ.”
“ފަހަރި ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް ބޭބެގެ ކުށެއް ނުފޮރުވޭނެ.”
“ޝެހެރޫޒް ކުރީ ކޮން ކުށެއް؟”
“ކުށެއް ނުކުރާ ކަމަށް ވަންޏާ މަންމަގެ ބޮލުގައި އަތް އަޅައިގެ ހުރެ މި ފައިސާ އަކީ ރައްޓެއްސަކު ދިން އެއްޗެކޭ ބުނާށޭ ބޭބެ ގާތު ބުނޭ.”
“ކަލޭ…” ޒާރާ ރުޅިއައިސް ރަތްވެއްޖެއެވެ. “ކަލޭ ހީކުރަނީ ތިމަން މިއީ ވަރަށް ބުއްދިވެރި މީހަކު ކަމަށްތަ؟”
ޖަވާބުގައި އެއްޗެކޭ ބުނަން މެހެރޫޒް އުޅުނެވެ. އެކަމަކު މަންމަ އެކަން ހުއްޓުވީއެވެ.
“ޒާރާ. އަހަރެންގެ ތަރުބިއްޔަތުގައި އެއްވެސް ކުށެއް ނެތްކަން އަހަންނަށް ޔަގީން. އަހަރެންގެ ދަރިންނަށް، އަހަރެން ދަސްކޮށްދީފައި އޮންނާނީ ހެޔޮ ގޮތް. ސާފުސީދާ މަގުން ހިނގަން. ޝެހެރޫޒް ވާވެއްދީ ކަލޭކަން އަހަންނަށް ޔަގީން.”
“އަހަންނޭ!؟”
“ކަލޭމެން ކަހަލަ އަންހެނުންނަކީ އަމިއްލަ އެދުންތަކުގެ ކުރިމަތީގައި އެހެން އެއްވެސް ކަމަކަށް ބަލާ ބައެއް ނޫން. އަމިއްލަ އެދުންތައް ފުއްދާންވެގެން ފިރިމީހާ ވާވެއްދުމަކީ ކަލޭމެން ކަހަލަ މީހުންގެ އާދަ.”
“އަހަރެން ކުރި ކަމެއް ކުރީ ޝަކީލާ…”
“ޝަކީލާގެ ބަހަނާ ނުދައްކާ.” މަންމަ ދެން ބަލައިލީ ޝެހެރޫޒާ ދިމާއަށެވެ. “ޝެހެރޫޒް އަހްމަދު. އަހަރެން ކަލޭ ތިޔައީ އަހަރެންގެ ދަރިއެއް ނޫނޭ ބުނުމުގެ ކުރިން މި ފައިސާ ހިފައިގެން ނުކުމެގެން ދޭ. ޒާރާވެސް ގޮވައިގެން ދާތި.”
ޒާރާ ރުޅި އައިސްގެން ކޮޓަރިން ނުކުމެއްޖެއެވެ.
ޝެހެރޫޒް ހިރިވެސް ނުލައި ހުރީމާ އެންމެ ފަހުން މަންމަ އެކޮޓަރިން ނުކުމެގެން ދިޔައީއެވެ.
“ބޭބޭ.” ޝަކީލާ އޭނާގެ ކައިރިއަށް އަތުވެއްޖެއެވެ. “މަންމަ މި ވަގުތު އެހެރީ ވަރަށް ބޮޑަށް ރުޅި އައިސްފައި. އެހެންވީމާ މި ވަގުތު ބޭބެ މިތަނުން ދޭ.”
“ބޭބޭ.” ކުޑަ ދެ ބެއިން އައިސް އޭނާގެ ގައިގައި އޮޅުލައިގަތެވެ. “ބޭބެ އެއްވެސް ތަނަކަށް ގޮސްގެން ނުވާނެ.”
(ނުނިމޭ)