މ. އަތޮޅު ނުވަތަ މުލަކަތޮޅު ވެރިކަންކުރާ މުއްޔަކީ ދިވެހި ޖަޒީރާ ރަށްތަކުގެ ޗޭނުގައި ހިމެނިފައިވާ ޗާލު ޖާޒީރާއެކެވެ.

އެރަށަށް ލިބިފައިވާ ރީތިކަން ފުރިހަމަ ކޮށްދެނީ އެ ފަސްގަނޑަށް އުފަން ތަޢުލީމީ ދަރިންނެވެ. ހޭލުންތެރި އެދުރުންނެވެ. އެ ބޭފުޅުންގެ އިލްމާއި ހުޅުވިފައިވާ ސިކުނޑިތަކެވެ. އެ ބޭފުޅުންގެ ވިސްނުން ކުރިއަށް ނެރެ ޒަމާނާ އެއްގޮތަށް ރަށް ބައްޓަން ކުރުމުގެ ޗާޓު ކުރެހުމަކީ ސަރުކާރަށް ވެސް ލިބިގެންދާނެ ލުޔަކަށް ވާނެއެވެ.

ތަޢާރަފް

މުލި އޮންނަނީ ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ 139.86 ކިލޯމީޓަރ ދެކުނުން މުލަކަތޮޅު އިރުމަތީ ބިތުގެ ޠޫލުން "50'73:34" އަރުޟުން "15'55: 02 ގައެވެ. އެރަށުގެ ބޮޑުމިނަކީ 76 ހެކްޓަރެވެ. ޖޯގުރަފީގޮތުން އެރަށަށް ދީފައިވާ އަކުރަކީ K5 އެވެ.

އާބާދީ

މުލީގެ އާބާދީއަކީ 1014 އެވެ. ފިރިހެނުންގެ ޢަދަދަކީ 520 އެވެ. އަންހެނުންގެ ޢަދަދަކީ 492 އެވެ. ކުޑަކުދިންގެ އާބާދީއަކީ 290 އެވެ. އޭގެތެރެއިން ފިރިހެން ކުދިންގެ ޢަދަދަކީ 154 އެވެ. އަންހެން ކުދިންގެ ޢަދަދަކީ 136 އެވެ.

އެރަށަކީ ދީންވެރި އަދި ދީނަށް ލޯބިކުރާ ޚުލްޤު ހެޔޮ ރައްޔިތެއް ދިރި އުޅޭ ރަށެކެވެ. ފަސްވަގުތު ނަމާދު ކުރުމަކީ އެރަށުގެ ގިނަމީހުންގެ ކިބައިގައި ހުންނަ މާތް ސިފައެކެވެ. ނަމާދު ކުރުމަށްޓަކައި 3 މިސްކިތެއް އެރަށުގައި ވަނީ ބިނާކޮށްފައެވެ. އެރަށު ރައްޔިތުން އެ މިސްކިތްތައް ފަޅުވިޔަ ނުދެއެވެ. ދީނީ އަޅުކަން އަދާކުރުމަށް ފަރުވާ ކުޑައެއް ނުކުރެއެވެ. ޤުރުއާނަށް ލޯބިކުރުމާއި ޤުރުއާން ކިޔަވަން އެމީހުން ވަރަށްބޮޑު އިސްކަމެއް ދެއެވެ.

ޤުރުއާން ކިޔަވަން ދަސްކޮށް ދިނުމަށް ރަޖިސްޓްރީ ކޮށްގެން ހިންގާ ޤުރުއާން ކުލާހެއް އެރަށުގައި ހުރެއެވެ. އެތަނުން ޤުރުއާން ކިޔަވަން ދަސްކޮށްގެން ނިކުންނަ ކުދިންގެ ޢަދަދު މަދެއް ނޫނެވެ.

އާމްދަނީ ހޯދަން ކުރާ މަސައްކަތް

މުލީ ރައްޔިތުންނަކީ މަސައްކަތްތެރި ބައެކެވެ. އާއްމުދަނީ ހޯދުމަށް އެރަށު މީހުން ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު ސަރުކާރުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކޮށްގެން އާމްދަނީ ހޯދާ މީހުން މަދެއް ނޫނެނެވެ. ރަށު ކައުންސިލާއި، ހޮސްޕިޓަލާއި، ސްކޫލާއި އިންޖީނުގެ ފަދަ ތަންތަނުގައި ވަޒީފާ އަދާ ކުރާ މީހުންނަށް އެންމެ ރަނގަޅު އާމްދަނީއެއް ލިބެއެވެ.

މީގެ އިތުރުން ރަށުގައި ކުރާ އެހެން މަސައްކަތްތަކުން އާމްދަނީ ހޯދާ މީހުން ވެސް ގިނައެވެ. އެރަށުގައި ތަފާތު އެކި ބާވަތްތަކުގެ ވިޔަފާރި ހިންގައެވެ. މަސް ކައްކާ ހިއްކައެވެ. ކަނޑުމަހާއި ފަރުމަހުގެ މަސްވެރިކަން ކުރެއެވެ.

މުއްޔަކީ ބިންގަނޑު ރަނގަޅު ފަސޭހައިން ގަސް ހެދޭ ރަށެކެވެ. އެހެންކަމުން ވަރަށްގިނަ މީހުން ގޯތި ތެރޭގައި ގަސް ހައްދާފައި ވެއެވެ. ފަހަކަށް އައިސް އެރަށުގައި މިހާރުވަނީ ދަނޑުވެރިކަމަށް ބޭނުންވާ ބިންތައް ވެސް އިތުރުވެފައެވެ. އެ ބިންތަކުގައި ދަނޑު ހައްދައިގެން ރަނގަޅު އާމްދަނީ ދަނޑުވެރީންނަށް ލިބެއެވެ.

މުހިންމު ބައެއް ތަންތަން

މުއްޔަކީ ސަރުކާރުގެ މުއައްސަސާތައް ގިނަ ރަށެކެވެ. އަތޮޅު ކައުންސިލްގެ އިދަރާގެ އިތުރުން މި އަތޮޅުގެ ޕޮލިސްޓޭޝަންވެސް ހުންނަނީ މުލީގައެވެ. ތަޢުލީމީ މަރުކަޒުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ވެސް މުލީގައި ހުރެއެވެ. އޭގެ އިތުރުން 1989 އިން ފެށިގެން މި ރަށުގައި ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތް ލިބެމުން ދެއެވެ. ރަސްމީގޮތުން 1990 ޖެނުއަރީގައި 8 ގައި ހުޅުވުނު މި ހޮސްޕިޓަލުގައި 14 ޑޮކްޓަރުން މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވައެވެ. މީގެ ތެރޭގައި ޚާއްޞަ ބަލިތަކަށް ފަރުވާ ދެއްވާ 5 ޑޮކްޓަރުން ހިމެނި ވަޑައިގަންނަވައެވެ. އެއީ ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި، އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި، އޮޕަރޭޝަން ޑޮކްޓަރަކާއި ހޭނައްތާ ޑޮކްޓަރަކާއި ދަތުގެ ޑޮކްޓަރެކެވެ.

މުލީ ސްކޭޓް ޕާކް

މ. އަތޮޅު ރައްޔިތުންގެ އިތުރުން އެއަތޮޅާ ކައިރި ހިސާބު އަތޮޅުތަކުގެ މީހުން ވެސް މި ހޮސްޕިޓަލުން ޚިދުމަތް ހޯދައެވެ. މ. ރީޖަނަލް ހޮސްޕިޓަލުގައި އޯގާތެރި ކަމާއެކު ޚިދުމަތް ކުރައްވާ 24 ނަރުހުން ޙަރަކާތްތެރިވެއެވެ. އޭގެ ތެރެއިން ގިނައީ މުއްޔަށް ނިސްބަތްވާ ނަރުހުންނެވެ.

ތަޢުލީމް

ކުރިން ވެސް ފާހަގަ ކުރެވިފައިވާ ގޮތަށް މުއްޔަކީ ނިސްބަތުން ތަޢުލީމީ ދަރިން ގިނަ ރަށެކެވެ. މ. އަތޮޅު ތަޢުލީމީ މަރުކަޒު ވެސް ހުންނަނީ މުލީގައެވެ. ކިޔެވުމާއި ކުޅިވަރުގެ ރޮނގުން ރަން ވަނަތަކެއް ޙާސިލް ކުރަމުންދާ މި މަރުކަޒުގައި ފައުންޑޭޝަނުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައި ދެއެވެ. މިސްކޫލުގައި 249 ކުދިން މިހާރު ވެސް ތަޢުލީމް ޙާޞިލް ކުރަމުން ދެއެވެ. އޭގެ ތެރޭގައި އަވަށްޓެރި ނާލާފުށީން ކިޔަވަން އަންނަ ދަރިވަރުން ވެސް ހިމެނެއެވެ. އެކުދިން އެރަށަށް ކިޔަވަން އަންނަނީ ކޮންމެ ދުވަހަކު އޮންނާ ފެރީންނެވެ. އެ ދެރަށް ގުޅުވާފައިވަނީ ވަރުގަދަ ފެރީގެ ނިޒާމަކުންނެވެ.

ލަފާ ފުރުން

ތަޢުލީމާއި ޞިއްޙަތުގެ އިތުރުން ޢުމްރާނީ ތަރައްޤީއަކީ ވެސް އެރުގެ މީހުންވެސް އިންތިހާއަށް ބޭނުންވާ ކަމެކެވެ. އެގޮތުން ލަފާފުރުމުގެ ދަތިކަން ޙައްލު ކުރުމުގެ ގޮތުން އެރަށުގައި ވެސް ވަނީ ބަނދަރެއް ހަދައިފައެވެ. އޭގެ ސަބަބުން ލަފާފުރުމަށް ފަސޭހަވިއެވެ. އެ ބަނދަރު ވެފައި ވަނީ އެރަށުގެ އިޤުތިޞާދީ މައި ދޯރާއްޓަށެވެ. މުދާ ހިފައިގެން އަންނަ އުޅަނދުފަހަރާއި މުދާ ހިފައިގެން ފުރާ އުޅަނދު ފަހަރު ވެސް ލަފާފުރަނީ މި ބަނދަރުންނެވެ. ޖޭޓީގައި ބޯޓު ޖައްސާފައި ބާއްވައި މުދާއަރުވައި ބޭލުމުގެ ފުރުޞަތު ލިބުމަކީ ވަގުތާއި މަސައްކަތަށް ލިބުނު ލުއިފަސޭހަ ކަމެކެވެ.

މި ބަނދަރު ހެދުމުން އެރަށުގެ މަސްދޯނި ފަހަރަށްވަނީ ވަރަށްބޮޑު ލުއިފަސޭހައެއް ލިބިފައެވެ. މާދުރުގައި ދޯނި ބާއްވާފައި ކުޑަ ބޮއްކުރައެއްގައި ރަށަށްއަރައި ފޭބުން ވަނީ މާޒީ ވެފައެވެ.

ކުޅިވަރު

މުލީގެ ޒުވާނުންނަކީ ވެސް ކުޅިވަރަށް ލޯބިކުރާ ބައެވެ. ފުޓުބޯޅަ، ވޮލީއަކީ އެރަށަށް ވެސް އެންމެ އާންމު ދެ ކުޅިވަރެވެ. މިދެކުޅިވަރު ކުޅުމުގެ ހުނަރާއި ގާބިލިއްޔަތުކަން ލިބިފައިވާ ދެ ޖިންސުގެ ޒުވާނުން އެރަށުގައި ނުހަނު ގިނައެވެ.

އެރަށުގައި ކުޅިވަރު ތަރައްޤީ ކުރުމުގެ ގޮތުން ވަޞީލަތްތައް ވެސް މަޑުމަޑުން އަންނަނީ ތަރައްޤީ ވަމުންނެވެ. މުލީގެ ރައްޔިތުންނަށް ޓަކައި އެރަށު ކައުންސިލް އިދާރާގެ އެހީތެރިކަމާއެކު އެރަށުގައި ވަނީ ސްކޭޓް ޕަރކެއް ތަރައްޤީ ކޮށްފައެވެ. އެތަން ވެގެން ގޮސްފައިވަނީ ޒުވާނުންގެ ވިންދު ކަމަށެވެ. އެތަން ރަސްމީކޮށް އަދި ނުހުޅުވިޔަސް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އެ ޕަރކްގައި ސްކޭޓްކުރެއެވެ. ދަރިންނަށް އެ ހުނަރު ދަސްކޮށްދެއެވެ. އޭގެ އިތުރުން އެރަށުގައި ވަނީ ޓާފް ދަނޑެއް ވެސް ތަރައްގީކޮށް ނިންމާފައެވެ. މި ދެތަން ވެސް ވަރަށް އަވަހަށް ހުޅުވޭނެއެވެ.

މުލީގެ ކުޅިވަރާއި އިޖުތިމާޢީ ކަންކަން ކުރިއަރުވައި ތަރައްޤީ ކުރުމަށް އެރަށުގައި ވަނީ ހަތަރު ޖަމްޢިއްޔާއެއް ރަޖިސްޓްރީ ކޮށްފައެވެ. އެއީ މުލީ ސްޕޯރޓްސް ކުލަބާއި ގެލެކްސީ ސްޕޯޓްސް ކުލަބާއި، މުލީ އެކުވެރިންގެ ދިރުމުގެ އިތުރުން ސޮސައިޓީ ފޯރ ޔޫތު އެންހޭންސް މަންޓެވެ. މި ހަތަރު ޖަމިއްޔާއިން ވެސް ގެންދަނީ ރަށުގެ ކަންކަން ތަރައްޤީ ކުރުމަށް ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެކަމަކު ވާދަވެރިކަމާ ވެސް އެކުގައެވެ.

ރީތި ރަށެއް

ދިވެހިރާއްޖޭގެ އެންމެ އިރުމައްޗަށް އޮންނަ މުލަކަތޮޅު މުއްޔަކީ ވެސް ދިވެހީންގެ އެހެން ޖަޒީރާތައް ފަދައިން ޗާލު ޖަޒީރާއެކެވެ. އެރަށް ވަށައިގެން ދެމިފައިވާ ރީތި ގޮނޑުދޮށުގެ ހިތްގައިމުކަން އިންތިހާއެވެ. އެ މާޙައުލުން ހިތްތަކަށް ގެނުވައިދޭ އުފާވެރިކަމުގެ ބޮޑު ކަމާއެވެ. އެ ގޮނޑުދޮށްތަކާއި ގުޅިލާމެހިފައިވާ ހުދު ދޮންވެލި ތުނޑިތަކުގެ ރީތިކަމަކީ ގުދުރަތުގެ އަގުބޮޑު ހަދިޔާއެކެވެ. ސާފު ހުދު ބޯކިރު ފޮދެއްފަދަ މޫދާއި މަޑު ފެހިކުލައިގެ ޗާލު ވިލަކީ ސްނޯކްލިންނަށް ދާ ހިތްވާ މީހުންނަށް އޮތް ޖާދޫއެއް ފަދަ ތަނެކެވެ. މީގެ އިތުރުން މުލީ ކަނޑުތޮށި ކައިރީގައިވާ ސަރަޙައްދަކީ މެދުރާއްޖެތެރޭގައި އޮތް އެފަދަ ދެވަނައެއްނެތް ރީތި ރާޅު ނަގާ މަންޒިލެކެވެ. ރާޅާ އަޅަން ބޭނުންވާ މީހުންގެ ހިތްތައް އެތަނަށް ލަންބުވާލާހާ ނަލައެވެ. ފަތުރުވެރިންގެ މެދުގައި އެތަން މަޝްހޫރު ވެފައިވަނީ "އެފް ވަން" ގެ ނަމުންނެވެ. އެ ތަނުގައި ސަފާރީއެއް ޔޮޓެއް ނޯންނަ ދުވަހެއް މަދުވާނެއެވެ.

މުއްޔާ ގުޅިފައިވާ ބޯހުރާ ކައިރީގައި އޮންނަ "މަޝްރޫމް" ކިޔާ ސަރަޙައްދަކީވެސް ރާޅާ އެޅުމަށް ފައްކާ މަންޒިލެކެވެ. ބޭރުން އަންނަ ފަތުރުވެރިންނާއި ދިވެހިންގެ ހިތުން ވެސް އެތަން ވަނީ ޖާގަ ކަށަވަރު ކޮށްފައެވެ.

އުންމީދު

މުލީ ރައްޔިތުންގެ އުންމީދު ވެސް ހުރީ ވަރަށް އުހުގައެވެ. އުސްވެގެން ގޮސް މަތިންދާ ބޯޓު ދަތުރުކުރާ އުސްމިނަށް އުންމީދު ވަނީ އުފުލިފައެވެ. އެރަށުގައި އެއާޕޯޓެއް އެޅުމުގެ އުންމީދު އެރަށު މީހުން ކުރާތާ ލައްކަ ޒަމާން ވެއްޖެއެވެ. މަތިން އުދުހިގެން އަންނަ ބޯޓު މުލީ އެއާޕޯޓަށް ތިރިކޮށް އެއިން ފައިބައިގެން ޓެކްސީގައި ނަމަވެސް ގެއަށްދާތަން އެރަށު މީހުން މިހާރު ބަލަނީ އުންމީދީ ލޮލަކުންނެވެ.

މިއުންމީދުތައް ޙަޤީޤަތަކަށްވުން ވަރަށް ގާތް ވެއްޖެއެވެ. ސަރުކާރުން މި އަހަރު އިޢުލާނު ކުރެއްވި އެއާޕޯރޓް އަޅާ ރަށްރަށުގެ ލިސްޓްގައި މުލި ވަނީ ހިމެނިފައެވެ. އަދި ކޯޒުވޭއިން ނަލާފުށްޓާ ގުޅާލާ ވާހަކަތައްވެސް ކަރުދާހަށް ތިލަވަމުން އަންނަ ކަމުގެ ވާހަކަ އަޑުއިވެމުން އެބަދެއެވެ.

އުއްމީދު ތަކުން ފުރިފައިވާ މުލީގެ ރައްޔިތުންނަށް މިކަންކަމުގެ ސަބަބުން މުސްތަޤުބަލެއް އެބައޮތްކަން އިޙުސާސް ކުރެވެން ފަށައިފިއެވެ. ރާޅާ ތަޅަމުން އޮޔާ ދަމަމުން ވިއްސާ ލޮނުން ތެމިގެން ދިލަހޫނުގެ ތެރެއިން ކަނޑު ހުރަސްކޮށްފައި ރަށަށް ކުރާ ދަތުރުތައް ނިމުމަކަށް އަންނަން ޖެހޭ ކަމަށް އެރަށު މީހުން އެތިބީ ޤަބޫލުކޮށްގެންނެވެ.

އެއާޕޯރޓެއް އެޅުމުން މިހާރަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު މުލިން ލިބޭނެއެވެ. އޭގެ ސަބަބުން މިހާރު ވެސް މާލެ އާއި އެހެނިހެން ވެސް ތަންތަނުގައި ވަޒީފާ އަދާކުރާ މުލީ މީހުން ރަށަށް އައިސް ޢާއިލާ ގާތު ތިބެގެން ވަޒީފާ އަދާކުރުމުގެ ފަހި ފުރުޞަތު ލިބޭނެ ކަމަށް އެތިބީ އިންތިޒާރުކޮށްގެންނެވެ. އެއާޕޯރޓު އެޅުމުން އެއަތޮޅަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އެރަށުގެ ރައްޔިތުން ގަބޫލު ކުރެއެވެ. އަދި ލޯކަލް ޓޫރިޒަމް ފުޅާވެ ތަރައްގީގައި އިތުރު ފިޔަވަޅުތަކެއް އެޅޭނެކަމަށް އެރަށުގެ މީހުން ދެކެއެވެ. މި މަގަށް ކަންކަން ހިނގައްޖެ ކަމަށް ވާނަމަ ރާއްޖޭގެ އެހެން ރަށްރަށާ ގުޅި ލާމެހުމުގެ ފުރުޞަތު މުލީ ރައްޔިތުންނަށް ފަހިވާނެއެވެ. ހިނގާނެ އައު މަގުތަކެއް ތަނަވަސް ވާނެއެވެ. ޑޮލަރާއި ދިވެހި ފައިސާ ޖީބަށް ވަންނާނެ ކަމުގެ ޔަގީންކަން ލިބޭނެއެވެ. މުލީ ރައްޔިތުންގެ އުންމީދު ޙަޤީގަތަކަށް ހައްދަވާށިއެވެ!