ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ޓެކްނިކަލް ކޯސްތަކުގައި ސްކޫލުތަކުގެ ދަރިވަރުން ބައިވެރިކުރުމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނާ އެކު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ނެޝަނަލް ލެވެލް ސެޓްފިކެޓް ތިނެއް އަދި ހަތަރެއްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ސްކޫލުތަކުގެ ގުރޭޑު ނުވައެއް އަދި ދިހައެއްގެ ދަރިވަރުންނަށް ”ބްރިޖިންގް އެކްސެލެންސް، ސްކޫލް ސްޓޫޑެންޓްސް ޓިވެޓް ޕްރޮގްރާމް“ގެ ދަށުން ލިބޭނެ ކަމަށެވެ.

މީގެއިތުރުން މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ ދަރިވަރުންގެ ކިޔެވުން ނިންމައި މުޖުތަމައަށް ނުކުންނައިރު، މަންފާ ކުރަނިވި މަސައްކަތްތައް ކުރުމަށް މަގުފަހިވެ، އެ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރުމަށް ފުރުސަތު ފަހި ކޮށްދިނުން ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އަދި އަތޮޅުތެރޭގައި ތިބިގެން ޒުވާނުންނަށް ފެންވަރު ރަނގަޅު މަސައްކަތުގެ ތައުލީމާއި ހުނަރު ލިބުމަކީ ރާއްޖޭގެ އިގްތިސާދަށާއި ޒުވާނުންނަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

އެ މިނިސްޓްރީން އިތުރަށް ވިދާޅުވެފައިވަނީ ރަށްރަށުގައި އެޅޭ ޓިވެޓް އިންސްޓިއުޓްތަކަކީ އަތޮޅުތެރެއަށް މަސައްކަތުގެ ތައުލީމު ފޯރުކޮށް ފުޅާކޮށްދިނުމަށް ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދަމުން އަންނަ ޕްރޮޖެކްޓެއް ކަމަށެވެ.