ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

އެކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައިި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު، ދިވެހިރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ޑިޕްލޮމެޓުން، ރާއްޖޭގައި ހުންނަ ޔުނައިޓެޑް ސްޓޭޓްގެ ރެޕްރެޒެންޓޭޓިވް، ބޭރު ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ ސަލާމަތީ ބާރުތަކުގެ މަންދޫބުން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ކޮމިޝަނަރގެ އާއިލާ މެމްބަރުން ބައިވެރިވެލެއްވިއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރ އޮފް ހޯމްއެފެއާޒް ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނަރގެ މިދައުރުގައި ދުނިޔޭގެ ފުލުހުންގެ މުއައްސަސާތަކަށް ބަލާއިރު ހާއްސަކޮށް އިންޓަޕޯލް އިންޓެލިޖެންސް ބަލައިގަންނަ، ގަބޫލުކުރާ އަދި އިތުބާރުކުރާ ފެންވަރުގެ ހިދުމަތްތަކާއި ކުރެވުނު ބުރަ މަސައްކަތް ވަރަށް ގާތުން ފެނިފައިވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ބައިމިލިއަން ހަމަނުވާ ދިވެހި މިގައުމުގެ ފުލުހުންގެ މިފޯސް ލީޑުކުރަމުންގޮސް ސެކަންޑް ޖެނަރޭޝަނަށް މީހުން ތައްޔާރުކުރެވުން އެއީ ވަރަށް ބުރަ، މިންނަތް އަދި ވަރަށް ކޮމިޓެޑް މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ޕޮލިސް އެކަޑަމީ ނުވަތަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިނގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވި، ސިލަބަސް އަދި ނިޒާމާއި އޮނިގަނޑު ކަނޑައެޅި، ދިވެހި ފުލުހުންގެ އަމިއްލަވަންތަ މުއައްސަސާއެއްގެ ގޮތުގައި އެތަން ކަނޑައަޅަދިނުމަކީ އަދުގެ ކޮމިޝަނަރ ކުރެއްވި ބުރަ މަސައްކަތެއްކަމާއި އެކަމުގެ އަގު ވަޒަންކުރާކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި، މުއައްސަސާ މިއަދު އަޅައިދީފައި ހުރި ބިންގާތަކުގެ މަތީގައި އެއްވެސްކަހަލަ ފުށުއެރުމެއް ގުޑުމެއް ނެތި ތެދުކޮށް ރަނގަޅަށް ބިނާކުރެވިއްޖެއްނަމަ އަޅުގަނޑުމެން އެދޭކަހަލަ ހިދުމަތަކަށް އިރާދަކުރެއްވިއްޔާ މި ހިދުމަތް ވެގެންދާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފުލުހެއްގެ ގޮތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ލެވެލްގައި އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އޭގެތެރޭގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އާއިލާ އާއި ހޯމް މިނިސްޓަރާއި ޑެޕިއުޓީ ކޮމިޝަނަރުން އަދި އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝާޒްލީގެ ނަން ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ވަޒީފާއާ ފުރަތަމަ ގުޅުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް އެކި ހައިސިއްޔަތުގެ ބޭފުޅުންނާއެކު މަސައްކަތްކުރެވުނު ކަމަށް ވިދާޅުވިއެވެ.

އަދި ކޮންމެ ފުލުހަކުވެސް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ފެނިފައިވަނީ ހިތްވަރާއި އަޒުމާއެކު މަސައްކަތް ކޮށްފައިވާތަން ކަމަށް ވިދާޅުވިއެވެ. އަދި ހިތާ އެންމެ ގާތް ހިދުމަތުން ވަކިވެގެންދާއިރު، މި މުއައްސަސާގެ ޝަރަފާއި ގަދަރު ނެގެހެއްޓުމަކީ ކޮންމެ މުވައްޒަފެއްގެ ކޮނޑުގައިވެސް އެޅިފައިވާ ޒިންމާއެއް ކަމުގައި ދެކިގެން މަސައްކަތް ކޮށްދިނުމަށް އެންމެހައި ފުލުހުންނަށް އިލްތިމާސްކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަކީ ކުށްމަދު އަމާން ތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތަކުގައި އަބަދުވެސް އެންމެ ކުރީ ސަފުގައި ހުންނަވާނެކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސްއަށް ޝަރަފުގެ ހަނދާނީ ފިލާ، ރިޓަޔަރމަންޓް ކާޑު އަދި ފުލުހުންގެ ދިދަ އަރުވާފައިވެއެވެ. ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނަރއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ.

ރިޓަޔަރމަންޓް ކާޑަކީ ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮންމެ ފުލުހަކަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ކާޑެކެވެ. މި ކާޑަކީ ފުލުހުންގެ މުއައްސަސާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވި ބޭފުޅެއްކަން އަންގައި ދިނުމަށާއި، ފުލުހުންގެ މުއައްސަސާއަށް ވެދެވަޑައިގަންނަވާ ކޮންމެ ފަހަރަކުވެސް ބޭނުންފުޅު ކުރެއްވޭނޭ އައިޑެންޓިފިކޭޝަން ކާޑެކެވެ. އަދި މިކާޑަކީ ފުލުހުންނަށް ލިބިދޭ އެހެނިހެން ހިދުމަތްތައް ވެސް ލިބިގެންދާނެ ކާޑެކެވެ.

ފުލުހުންގެ ހިދުމަތުގެ ދިދައަކީ، ދިވެހި ފުލުހުންގެ ހިދުމަތް ރަމްޒުކޮށްދޭ އަލި ގަދަ ދަންމަރެވެ. ދިވެހި ފުލުހުން އެ ދިދައަކަށް ސެލިއުޓުކުރާ، އަދި ފުލުހުންގެ ހިތުގެ ލޯބި ދެމުން އަންނަ ފަހުރުވެރި ޝަރަފެވެ.

އެގޮތުން މި ދިދަ ކޮމިޝަނަރއަށް އަރުވާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތަށް ކޮށްދެއްވާފައިވާ އަގުހުރި އަދި އަގުނުކުރެވޭނޭ މަސައްކަތްޕުޅުގެ ހާއްސަ ރަމްޒެއްގެ ގޮތުގައެވެ.

މިރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނަކާއި ކޮމިޝަނަރގެ މަގާމުގައި ހުންނެވިއިރު، ފުލުހުންގެ ޚިދުމަތާ ގާތުން މަސައްކަތްކުރި ބޭރުގެ އެކިއެކި ބޭފުޅުންނާއި ކޮމިޝަނަރގެ އާއިލާގެ ބޭފުޅުންގެ އިތުރުން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުން، ކޮމިޝަނަރގެ މަސައްކަތްތަކާ މެދު ދެކޭގޮތުގެ އިންޓަވިއުތައް ދައްކާފައިވެއެވެ.