ފުލުހުންގެ ހިދުމަތުގެ އޮފިސަރުންތަކަށް ދީފައި ވަނީ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ފުލުހުންގެ މީޑިއާ ގްރޫޕްގައި ނޫސްވެރިން ކުރި ސުވާލުގެ ޖަވާބުގައެވެ.

ފުލުހުން އިތުރަށް ބުނީ އޭޕްރިލް މަހު ޕްރޮމޯޝަންތައް ހަވާލު ނުކުރީ އިންތިހާބާއި ކައިރިވެފައި އޮތުމުން ނޭދެވޭ ތަސައްވަރު ތަކެއް އުފެދިދާނެތީ ކަމަށެވެ.

މި ޕްރޮމޯޝަންތައް ދީފައިމިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަން މަޑު ޖައްސާލަން އެދިފައި ވަނިކޮށެވެ. ނަމަވެސް ޗީފް ސްޕްރިޓެންޑެންޓްގެ ރޭންކަށް 8 އޮފިސަރުންނާ، ޗީފު އިންސްޕެކްޓަރުންގެ ރޭންކަށް 53 ފުލުހަކަށް ޕްރޮމޯޝަން ދީފައިވާއިރު، އެސިސްޓެންޓް ކޮމިޝަނާ ކަމަށް ޔޫނުސް ސޮބާހު، އާސިމް އަބްދުﷲ، މުހައްމަދު ރަޝީދު، އަހްމަދު ޝަމީމް، މުހައްމަދު ބަޝީރު، ހުސައިން ރަޝީދު އަދި މޫސާ އަލީ އަށްވެސް ވަނީ ޕްރޮމޯޝަން ދީފައެވެ.

ފުލުހުން އިތުރަށް ބުނީ މި ޕްރޮމޯޝަން ތަކަކީ ފުލުހުންގެ ހިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދެމުން ގެންދާ ޕްރޯމޯޝަން ތަކެއްކަމަށެވެ.