ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ 4،000 މީހުންގެ ދާއިމީ ލިސްޓް ރޭ ނެރުމާއެކު, ފްލެޓްތައް ދިނުމުގެ އެންމެހާ ކަންކަން ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހައުސިން މިނިސްޓްރީއަށް އަންގައިފިއެވެ.

އެގޮތަށް އަންގާފައިވަނީ އެ ފްލެޓްތައް ލިބޭ މީހުން ކަނޑައެޅުމުގެ ކަންކަމާ ގުޅޭ މައްސަލަތަކެއް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ބުނެއެވެ.

މީގެއިތުރުން އެ ކޮމިޝަނުން ވަނީ މިކަން ހުއްޓުވުމަށް ހައުސިން މިނިސްޓްރީއަށް ރޭ ސިޓީއެއް ފޮނުވާފައެވެ. އަދި އެ ކޮމިޝަނުން ފޮނުވި ސިޓީގައި ވަނީ ފްލެޓް ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާކަން މިހާތަނަށް އޭސީސީގެ ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ވަނީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ޝަކުވާގެ މައްޗަށް ރިޔާއަތްކޮށް ބެލުމަށްފަހު ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓް އިއުލާން ކޮށްފައެވެ.

ރައީސް ސާލިހްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގައި 4000 ފްލެޓު ލިބުނު މީހުނަށް ފްލެޓު ހަވާލު ކުރުމުގެ ކަންކަން ހުއްޓާލަން އަންގާފައި ވާއިރު، އެމަނިކުފާނު ރިޔާސީ ދައުރު ނިމެން ކުރިއަށް ދެން އޮތީ އެންމެ ދުވަހެކެވެ.