މެދުތެރޭ ޣައްޒާގެ މިސްކިތަކަށް ސަހްޔޫނީ އިސްރާއީލުން ވައިގެ މަގުން ރޭ ހަމަލާދީ 50 މީހުން ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ ދައުލަތުގެ ނޫސް އެޖެންސީ "ވަފާ" އިން ބުނެފައިވާ ގޮތުގައި ޓެރަރިސްޓް މިހަމަލާގައި ދިހަވަރަކަށް މީހުންނަށް ވަނީ އަނިޔާވެފައެވެ.

މީގެ އިތުރުން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހުންނަ ޓެލެކޮމިއުނިކޭޝަން ޓަވަރުތަކަށް އިޒްރޭލުން ވަކިން ދިން ހަމަލާއެއްގައި މަދުވެގެން އެއް ކުއްޖަކު މަރުވެފައިވާ ކަމަށް "ވަފާ" އިން ބުނެއެވެ

ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ ޖަރީމާގައި މިހާރު އަމާޒުފަތްގަނޑަކަށް ހަދާފައި ވަނީ ސިއްޚީ ޚިދުމަތްދޭ ތަންތަނާއި މިސްކިތްތަކާއި ކިޔަވައިދޭ ތަންތަނެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ވަކިން ޚާއްސަކޮށް ޣައްޒާގައި ދިރިއުޅޭ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ ޤަތުލް އާންމަށް 40 ދުވަސްވެފައިވާއިރު މިހާތަނަށް އެގާރަހާހަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.