އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގދ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ މިމަހު 15 ވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަނު ގޯތިތެރޭގައި ނައްތާލާފައި ވަނީ 117 ފުޅި ބަނގުރަލާއި 7 ދަޅު ބިޔަރު ކަމަށެވެ.

މި ތަކެއްޗަކީ މި އަހަރުގެ މާރިޗު މަހުގެ 10 އިން އޮގަސްޓް 21 އަށް، ކާޑެއްދޫ، ފަރެސްމާތޮޑާ އަދި މާވާރުލު އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.