މި އަހަރުގެ ބާކީ އޮތްތަނުގެ ހަރަދު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފިއެވެ.

މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 42.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

6.5 ބިލިއަން ރުފިޔާއާއި އެކު މިއަހަރުގެ ދައުލަތުގެ ބަޖެޓު 49.4 ބިލިއަން ރުފިޔާ އަށް އިތުރުވާނެއެވެ.

ސަޕްލިމެންޓަރީ ބަޖެޓް ފާސް ކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ސަޕްލިމެންޓްރީ ބަޖެޓު މަޖިލިހަށް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި އަހަރަށް ލަފާކޮށް ހުށަހެޅި 42.8 ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހަރަދުތައް އިތުރުވެފައި ވަނީ އާސަންދަ އާއި ސަބްސިޑީ އާއި ލޯން ދޫކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަން ދިނުމާއި ޕީއެސްއައިޕީން ކަމަށެވެ.

އާސަންދަ އަށް ބަޖެޓުގައި ހިމެނި ހަރަދު އިތުރުވެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ބޭސްފަރުވާގެ ހިދުމަތް ހޯދުން މަޑުޖެހިފައިވުމަށް ފަހު، މި އަހަރު ރައްޔިތުން ބޭސްފަރުވާގެ އެކިއެކި ހިދުމަތް ހޯދާ މިންވަރު އިތުރުވެފައިވާތީ ކަމަށް އަމީރު ވިދާޅުވިއެވެ.

ސަޕްލިމެންޓްރީ ބަޖެޓުން އާސަންދައަށް 1.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

މި އަހަރުގެ ތެރޭގައި ބިން ވިއްކައިގެން ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ ނުލިބުމާއި ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުމުންނާއި އާބަންކޯގެ ކޭޝްފްލޯ ހަމަޖެއްސުމަށް ދައުލަތުން އާބަންކޯ އަށް ކެޕިޓަލް ދޭން ޖެހިފައިވާ ކަމަށެވެ. ކެޕިޓަލް ދޫކުރުމަށް ސަޕްލިމެންޓަރީ ބަޖެޓުގައި 611.7 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެއިތުރުން ކުންފުނިތަކުގެ ވޯކިން ކެޕިޓަލަށް ބޭނުންވާ ފައިސާ ދޫކުރުމަށް ބަޖެޓުން ޓްރެޝަރީ ލޯން ދޫކޮށްފައިވާނެ ކަމަށާއި އެގޮތުން އާރުޑީސީ އާއި ފެނަކައިގެ ޓްރެޝަރީ ލޯނަށް 291.3 މިލިއަން ރުފިޔާ ދޭން ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި މިއަހަރު ތެޔޮ ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އަރައެވެ. ތެލުގެ ސަބްސިޑީ އެހާ ބޮޑުވީ ބޭރުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.