ވަޒަންވެރިކޮށްފައިވާ ޔަހޫދުން ލައްވައި ފަލަސްޠީނު މީހުންނަށް ޙަމލަ ދިނުމަށް ރޭވި މައްސަލާގައި ތަހުގީގު ކުރެވެމުންދާ ފުލުހުންގެ އިސް އޮފިސަރެއްގެ މައްސަލާގައި ޔަހޫދީ ތާކިހާ ވަޒީރު ބެން ގްވީރު ތަހުގީގަށް ހާޒިރު ވުމަށް އަންގައިފިއެވެ.

އިޒްރޭލުގެ ބަންޑާރަ ނާއިބް ހުށަހަޅާފައިވާ މައްސަލައެއްގައި ޖަސްޓިސް މިނިސްޓްރީން ތަހުގީގު ކުރަނީ އަވިޝާއީ މުއައްލިމު ނަމަކަށް ކިޔާ އޮފިސަރަކު ފަލަސްޠީނު މީހުންނާ ދެކޮޅަށް ފޭކް ހަމަލަތަކެއް ރާވައި އެހަމަލަތަކުގެ ރިޕޯޓު ބޭނުންކޮށްގެން ތާކިހާ ވަޒީރު މެދުވެރިކޮށް މަގާމުގެ ކުރިއެރުން ހޯދަން އުޅުނު މައްސަލައަކާ ގުޅިގެންނެވެ.

ތާކިހާ ވަޒީރު ބުނެފައި ވަނީ މި ތަހުގީގުތަކަކީ އޭނާއަށް ސަޕޯޓު ކުރާ މީހުންނަށް ދަތިކުރުމަށް އިޒްރޭލު ބަންޑާރަ ނާއިބް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

މި ތަހުގީގުގައި އިޒްރޭލުގެ ޖަލުތަކާ ބެހޭ ކޮމިޝަނަރުވެސް ސަސްޕެންޑް ކުރާނެ ކަމަށް ބެލެވެއެވެ. އޭނާއަކީވެސް މިރޭވުންތަކުގައި ބައިވެރިވި މީހެއް ކަމަށް ބެލެވެއެވެ.