ޕާކިސްތާން ސިފައިން ޚައިބަރު ޕަޚުތޫންޚުވާ ޕްރޮވިންސްގައި ޓެރަރިސްޓުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި އަފްޣާނިސްތާނުގެ ބަދުގީސް ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރުގެ ދަރިކަލުން މަރިވެފައިވާ ކަމަށް އިއުލާން ކޮށްފިއެވެ.

ޕާކިސްތާން ރޭޑިއޯ އިން ބުނީ އޭނާ ހަނގުރާމަ ކޮށްފައި ވަނީ ޕާކިސްތާންގައި ޓެރަރިސްޓް ޖަމާއަތެއްކަމަށް ކަނޑައަޅާފައިވާ ތަހުރީކޭ ތާލިބާން ޖަމާއަތުގެ މީހުންނާ އެކުގައެވެ.

ތަކުރީކޭ ތާލިބާނުން އަފްޣާނިސްތާނުގެ ސަރަހައްދު ބޭނުންކޮށްގެން ޕާކިސްތާނަށް ޙަމަލަ ދޭން ބޭނުން ކުރާތީ އިސްލާމްއާބާދުން ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ.

އިސްލާމްއާބާދުން ބުނަނީ، ތަހުރީކަށް ތާލިބާނުން ބޯހިޔާވަހިކަން ދޭކަމަށެވެ. އަދި އެ ޖަމާއަތް ކޮންޓްރޯލް ކުރުމަށް އަފްޣާނިސްތާން ސަރުކާރަށް އިސްލާމްއާބާދުން އެދިފައި ވެއެވެ.

ރޭޑިއޯ ޕާކިސްތާނުން ބުނެފައި ވަނީ މި ހަމަލައަކީ، ޖެނުއަރީ 31 ވަނަ ދުވަހު ޚައިބަރު ޕަޚުތޫންޚުވާގެ ދޭރާ އިސްމާއީލް ޚާން ޑިސްޓްރިކްޓްގެ ކުލާޗީ ސަރަހައްދުން ލިބުނު މައުލޫމާ ގުޅިގެން ހިންގި ޖާސޫސީ އޮޕަރޭޝަނެއް ކަމަށެވެ.