ޢަބްދުﷲ ރަސްގެފާނު ހާޒިރުވެ ވަޑައިގަތުމަށް އަންގާފައި ވުމާއެކު ޖޯޑަން އިން ވަނީ އަޙުލާމް ތަމީމީ ޖޯޑަން އިން ބޭރުކުރުމަށް އިސްލާމީ ހަމާސް ޖަމާޢަތަށް އަންގާފައެވެ. މިއަދު ޖޯޑަންއިން ޙަމާސަށް އަންގާފައި ވަނީ ޢަބްދުﷲ ވައިޓްހައުސްއަށް ހާޒިރުވެ ވަޑައިގަތުމުގެ ކުރިން އަޙުލާމް ތަމީމީ ޖޯޑަން އިން ބޭރުވެގެން ދާނެ ތިންވަނަ ގައުމެއް ހަމާސްއިން ހޯދައި ނުދޭނަމަ އޭނާ އެމެރިކާއާ ހަވާލު ކުރާނެ ކަމަށެވެ.

އަޙުލާމް ތަމީމީއަކީ ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ މުޖާހިދާއެކެވެ. އޭނާއަށް ތުހުމަތު ކުރެވެނީ 2001ގައި ދިން ހަމަލައެއްގައި ހިފާފައިވާ ފަލަސްޠީނު އިސްތިއުމާރުކުރުމަށް ވާގިވެރިވާ 16 މީހަކު މަރާލި ކަމަށެވެ. އެމީހުންގެ ތެރޭގައި އެމެރިކާއަށް ނިސްބަތްވާ ދެމީހަކުވެސް ހިމެނެއެވެ.

އެމެރިކާއިން ބޭނުން ވަނީ އަހުލާމް ތަމީމީގެ ޝަރީއަތް ކުރުމުގެ ނަމުގައި އޭނާ ޖޯޑަންއިން އުފުރާލާށެވެ.

އިޒްރޭލުގެ ޖަލުން އަހުލާމް ތަމީމީ މިނިވަން ވެފައި ވަނީ ޙަމާސްގެ މެހުމާންދާރީގައި ގެންގުޅުނު ޔަހޫދީ ހަނގުރާމައިގެ އަސީރެއް ކަމަށްވާ ގިލާޑް ޝާލިތް މިނިވަން ކުރުމުގެ މުގާބިލުގައެވެ.