ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާ ކުރެއްވީ އެކަމަށްޓަކައި ހާއްސަ ކުރެވިގެން ޖުމުހޫރީ މައިދާނުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޑރ. މުއިއްޒު ރައީސުލްޖުމުހޫރިއްޔާގެ މަގާމަށް ހޮވި ވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަ ކުރައްވައި %55 ގެ އަޣްލަބިއްޔަތުންނެވެ.

އިންތިހާބުގެ ދެވަނަ ބުރަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތީ ފުރަތަމަ ބުރުގައި ވާދަކުރި 8 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. ފުރަތަމަ ބުރުގައި %46 ވޯޓް ޑރ.މުޢިއްޒު ހޯއްދެވިއެވެ.

ޑރ. މުހައްމަދު މުއިއްޒު ވާނީ، ރާއްޖޭގެ ޖުމްހޫރީ ތާރީހުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު ފުރުއްވާ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ އަށެވެ.