ތާލިބާނުން އަންހެން ކުދިންގެ ތައުލީމާ މެދު ކަންކުރާ ގޮތާމެދު ފާޑު ވިދާޅުވި ޑެޕިއުޓީ ފޮރިން މިނިސްޓަރު އައްބާސް ސްޓާނިކްޒައީ އަފްޣާނިސްތާން ދޫކޮށް ފިއްލަވައި ވަޑައިގެންފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސްޓާނިކްޒައީ ބޭރަށް ފިއްލަވައިގެން ވަޑައިގަތީ، ބޭރު ދަތުރުތައް މަނާކޮށް، އޭނާ ހައްޔަރު ކުރަން އުޅުމުންނެވެ.
މިހާރު އޭނާ ހުންނެވީ ދުބާއީގައެވެ.
ތާލިބާނުންގެ ލީޑަރު ހިބަތުالله އަޚުންދުޒާދާ ވަނީ ސްޓާނިކްޒައީ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ސްޓާނިކްޒާއި ވިދާޅުވަނީ، އޭނާ ބޭރަށް ވަޑައިގަތީ ބޭސްކޮޅަކަށް ކަމަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޭނާފިއްލަވައިގެން ވަޑައިގަތުމަށް އެހީތެރިވެ ދެއްވީ، ދިފާއީ ވަޒީރު މުއްލާ ޔައުގޫބު މުޖާހިދު އެވެ. މުއްލާ ޔަޢުޤޫބަކީ ތާލިބާންގެ ބާނީ މުއްލާ ޢުމަރުގެ ބޭފުޅެކެވެ.
ސްޓާނިކްޒައީ ވަނީ ޔުނިވަރސިޓީގެ ދަސްވެނިވާ ޖަލްސާއެއްގައި ތާލިބާނުން އަންހެން ކުދިން ތައުލީމުން މަހުރޫމު ކުރާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އަދި އޭނާ ވިދާޅުވީ، ތާލިބާނުންގެ އެ އަމަލަކީ، "ނާއިންސާފު" އަދި "ޣައިރު އިސްލާމީ" އަލަމެއް ކަމަށެވެ.
ޝޭރު މުޙައްމަދު އައްބާސް ސްޓާނިކްޒައީ އަކީ އިންޑިއާގެ އާމީ ކޮލެޖުން ތަމްރީނުވެފައިވާ ސިފައިންގެ ބޭފުޅެކެވެ.