އައްޑޫ ސިޓީ ފަޅު ރަށަކަށް ދަތުރުގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އައްޑޫ ސިޓީ ހިތަދުއަށް އުފަން އުމުރުން 28 އަހަރުގެ އަހްމަދު މުހައްމަދު ނަމަކަށް ކިޔާ ޒުވާނެކެވެ. މިޒުވާނާ ދަތުރުގޮށް އުޅުނު އެއްރުއްހެރާ އަކީ ހިތަދޫ ލިންކްރޯޑަށް ނުކުންނައިރު ފެންނަން އޮންނަ ކުޑަކުޑަ ފަޅުރަށެކެވެ. ޒުވާނާ ދަތުރުދިޔައީ ރަހުމަތްތެރިންނާއި އާއިލާގެ މެންބަރުން ހިމެނޭ ގްރޫޕަކާއެކު އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.

ދަތުރުގޮސް އުޅުމުގެ ތެރޭގައި ދެ ފަހަރަކު އަހުމަދު ވެއްޓުނުކަމަށާއި އެހެންނަމަވެސް އެ ދެފަހަރުވެސް ރަނގަޅު ވި ކަމަށް ހިތަދޫއިން މައުލޫމާތު ދިން މީހަކު ބުންޏެވެ. އޭގެ ފަހުން ދެން ފެނުނީ ވެއްޓިފައި އޮއްވާ ކަމަށާއި ނިޔާވީ ކޯސްޓްގާޑްގެ އެހީގައި ފޭދޫ ހެލްތުސެންޓަރަށް ގެންދިޔަ ފަހުން ކަމަށް ވެސް އެ މީހާ ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅު ރަށެއްކަމުގައިވާ "އެއްރުށްހެރާ" އަށް ދަތުރުކޮށް އުޅުނު މީހަކު ހާލު ދެރަވެގެން ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ފޭދޫ ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އެ މަރުކަޒުން މައުލޫމާތުދިން ކަމަށެވެ.

މި ޒުވާނާ ވަނީ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައި ކަމަށާއި އެމައުލޫމާތު މެންދުރު 12:55 ހާއިރު ލިބިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.