މާލޭގެ ޒަމާންވީ މަޝްހޫރު އެއް ތަން ކަމަށްވާ، "މާފަންނު ގަޑިބުރު" ޒަމާނީ ފެންވަރަށް ހެދުމަށްފަހު މިރޭ އަލުން ހުޅުވުމަށް ނިންމައިފިއެވެ.
ގަޑިބުރު އަލުން ހުޅުއްވައި ދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެތަން ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް، (އާރް.ސީ.ސީ) އިން ގަޑިބުރު އަލުން އިމާރާތް ކޮށްފައިވަނީ، ވަރަށްވެސް ފުރިހަމައަށް، ޒަމާނާ ގުޅޭ ހިތްގައިމު ގޮތަކަށެވެ.
މާފަންނު، މަޖީދީ މަގުން ގޮސް އޯކިޑް މަގާއި ފަރީދީ މަގު ދެކަފި ގުޅޭ ހިސާބުގައި އިމާރާކޮށްފައި ބުރުގައި ހުރި ގަޑިއަކީ ސްރީލަންކާއިން ރާއްޖެއަށް ކޮށްފައިވާ ހަދިޔާއެކެވެ.
ގަޑިބުރުގެ މަސައްކަތް ނިމި، އާންމުންނަށް ފެންނާނެހެން ދައްކާލާފައި ވާއިރު އިސްލާމީވަންތަކަން ރަމްޒުވާ ފަރުމާއަކަށް ފަރުމާކޮށް، ހަތަރު ފަރާތުން ފެންނާނެހެން ގަޑިތައް ވަނީ ބަހައްޓައިފައެވެ.
1990 ގެ އަހަރުތަކުގެ ފަރުމާއާއި ދާދި އެއްގޮތަކަށް ހެދި މި ގަޑިބުރު އާންމުންނަށް ދައްކާލާފައިވާއިރު، އެންމެ ފުރަތަމަ ގަޑިބުރު ބެހެއްޓީ ރާއްޛޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާޞަބަތާއި ގުޅިގެން 1990 ވަނަ އަހަރުގައެވެ. އޭރު އެތަން ބިނާކުރީ ލަންކާގެ އެހީތެރިކަމުގައެވެ.