މާލޭ ސަރަހައްދުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ކުރާނެ މަސައްކަތްތައް ފާހަގަކުރައްވަމުން، އެންމެ ބޮޑު މަސައްކަތަކަށް މި ސަރުކާރުން ކުރާނީ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތްކަމަށާއި، އެގޮތުން އަޒުމަކީ ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާފަންނު ގަޑި ބުރު އަލުން ތަރައްގީކޮށް އިފްތިތާހް ކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫއު ނިމުމުން ހުޅުމާލޭގެ 2 ފިޔަވަހި އެއްކޮށްލީމަވާ ޖާގައިގެ 3 ގުނަ ބޮޑު ޖާގައެއް ލިބިގެންދާނެކަމަށާއި، އެއީ ގާތްގަނޑަކަށް 1200 ހެކްޓަރު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި މަޝްރޫއު 8 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އުންމީދު ކުރައްވާކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ 7 ސަރަހައްދެއްގައި އިންޓަގްރޭޓެޑް އަރބަން ސެންޓަރުތައް ގާއިމުކުރުމާއެކު، ސަރަހައްދީ، ދެމެހެއްޓިނިވި ތަރައްގީ ގެނައުމުގެ ވިސްނުމުގައި މި ސަރުކާރުން މަސައްކަތްތައް ކުރިއަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިރޭގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ޕާކިން ބިލްޑިންގ ހައްދަވާނެކަމަށާއި، މަގުތައްވެސް ތަރައްގީކުރައްވާނެ ކަމުގައި ފާހަގަކުރައްވާފައެވެ.

މިރޭ ހުޅުވައިދެއްވި ގަޑިބުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގަޑިބުރު އަލުން ތަރައްގީ ކުރުމުގެ މަސައްކަތަކީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރކަމުގައި ހުންނެވިއިރު ފާސްކުރެއްވި އިސްތިރާޖީ އެކްޝަން ޕްލޭންގެ ދަށުން ކުރެއްވި މަސައްކަތްޕުޅެއްކަމުގައެވެ. އަދި މިހާރުގެ ގަޑިބުރު ތަރައްގީ ކުރައްވާފައިވަނީ ހުރިހާ އުމުރެއްގެ މީހުނަށްވެސް މަގުބޫލު ވިސްނުންތަކެއް ގެނެވޭނެ ގޮތަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އާ ގަޑިބުރުގައި ހިމެނޭ ކަންކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގަޑިބުރު ތަރައްގީށްފައިވަނީ 5 ވަގުތު ބަންގިވެސް އަޑުއިވޭ ގޮތަށް ކަމުގައެވެ. އަދި މުހިންމު މެސެޖުތައްވެސް ގަޑީގައިވާ ޑިޖިޓަލް ސްކްރީނުން ދެއްކޭނެ ކަމަށާއި، އެކި ކަހަލަ އިސްތިހާރުތައްވެސް ގަޑިބުރުގައިވާ ސްކްރީނުން ދެއްކޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މާފަންނު ގަޑިބުރަކީ، ދިވެހިރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ގަބޫލުކުރި ގައުމުކަމުގައިވާ އަވަށްޓެރި ސްރީލަންކާއިން، ދިވެހިރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި 1990 ވަނަ އަހަރު، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ ރަމްޒެއްގެ ގޮތުން ކުރި ހަދިޔާއެކެވެ.

އަދި ދުވަސްތަކަކަށް ގަޑިބުރު އެސަރަހައްދުން ނެގުމަށްފަހު މިރޭ ރައީސް ހުޅުވައިދެއްވީ ޒަމާންވީ ގަޑިބުރު ރަމްޒުކޮށްދޭ ޒަމާނީ ގަޑިބުރެކެވެ.