ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރައިޓް އޮނަރަބްލް ޕެޓްރީޝިއާ ސްކޮޓްލޭންޑް ކޭ.ސީ, ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި، ކްލައިމެޓް ފައިނޭންސިންގއާއި، ކޮޕް-28 ސަމިޓާއި، ކޮމަންވެލްތުން ކުރިއަށް ގެންދާ މަސައްކަތްތަކާއި، ޑިޖިޓަލް ތަޢުލީމާއި، އަންހެނުން ބާރުވެރިކުރުވުން ފަދަ މައުޟޫއުތައް ހިމެނެއެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކާ ދެކޮޅަށް އަޑުއުފުލައި ވަކާލާތުކޮށްދިނުމުގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ދެމިތިބުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒު ވަނީ ޑިޖިޓަލައިޒޭޝަނާއި އަންހެނުން ބާރުވެރިކުރުވުމަކީ މި ސަރުކާރުން އިސްކަންދޭ މަސައްކަތްތައްކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ތައްޔާރީ ފިޔަވަޅުތައް އަޅަމުން ދިއުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، ކޮމަންވެލްތުން ރާއްޖެއަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި، އެއްބާރުލުމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.