މާލޭގައި ބުޅަލަކަށް ވަޅި ހަރައި މަރައި ލުމުން ހައްޔަރު ކުރި މީހާ، އޭނާ އެކަން ކުރި ވަގުތުގެ މަންޒަރު ދައްކުވައިދޭ ވީޑިއޯ އަކީ އަސްލެއް ނޫން ކަމަށް ބުނެފިއެވެ.

ބުޅާ މަރާލިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރުކޮށްފައެވެ. ނަމަވެސް މުއްދަތުކޮމިޓީގައި އެނާގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ.

މާބަނޑު ބުޅަލެއްގެ ބަނޑަށް މީހަކު ވަޅި ހަރައިލައި މަރާލި ކަމުގެ ޚަބަރު ސޯޝަލް މީޑިއާގައި ޢާންމުވީ މި މަހުގެ 13 ވަނަ ދުވަހުއެވެ. މިއާއި އެކު ސޯޝަލް މީޑިއާގައި އެކަން ހިނގައިދިޔަ ވަގުތުގެ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ޕޭމަންޓް ކައިރީގައި އޮށޯވެލައިގެން އޮތް ބުޅަލަކަށް ފިރިހެނަކު ވަނީ ތޫނު އެއްޗަކުން ހަމަލާ ދޭތަނެވެ. ވަޅިއެއް ކަމަށް ބެލެވޭ އެއްޗެއް ހެރުމާއެކު އެ ބުޅާ ސިއްސައިގެން ގޮސް ދުވެފައި އެތަނުން ދެއެވެ.

އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރުކޮށްދިނީ, ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ފެންނާތީ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

މިމައްސަލައިގައި ތުހުމަތު ކޮށްފައިވާ މީހަކީ ޖަވާހިރުވާދީ/މ. ކޮޅުފުށި، އަހްމަދު ނަސީމް އެވެ.

ތުހުމަތުތަކަށް އިންކާރުކޮށް އޭނާ ކްރިމިނަލް ކޯޓުގައި ބުނެފައިވަނީ ވީޑިއޯއަކީ މިހާރު ކޮންމެ މީހަކަށް ވެސް ހެދިދާނެ އެއްޗެއް ކަމަށެވެ.