ރާއްޖޭގައި ގާއިމްވެތިބީ އިންޑިއާ ސިފައިންގެ 77 މީހުން ކަމުގައި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

މިކަން ހާމަކުރީ ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރުމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް މިއަދު ދެއްވި ޕްރެސް ކޮންފަރެންސްގައެވެ.

ނޫސްވެރިންގެ އެ ބައްދަލުކުރެއްވުމުގައި ފިރުޒުލް ވިދާޅުވީ މިހާތަނަށް ޔަގީން ކުރެވިފައިވާ އަދަދަކީ 77 ކަމަށެވެ.

އެއީ:

  • އެއް ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް 24 މީހުން
  • ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމަށް 25 މީހުން
  • ދެވަނަ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް 26 މީހުން
  • މެއިންޓަނަންސް އަދި އިންޖިނިއަރުންގެ ގޮތުގައި 2 މީހުން

އިންޑިއާ ސިފައިން އެގޮތުގައި ގާއިމްވެ ތިބެ އެ ހެލިކޮޕްޓަރުތަކާއި މަތިންދާ ބޯޓުން ކުރިއަށްގެންގޮސްފައިވާ އޮޕަރޭޝަންތަކާއިބެހޭ ގޮތުން ފިރުޒުލް ހިއްސާ ކުރެއްވި މައުލޫމާތުތައް ބުނާ ގޮތުގައި:

  • މެޑިކަލް އިވޭކުއޭޝަން، 661
  • ސަވައިލަންސް އޮޕަރޭޝަން 220
  • ސާޗް މިޝަން، 100
  • އެއާކްރޫ ޓްރާންސްފަރ، ސާމްޕަލް ކަލެކްޝަން ވިއައިޕީގެ ބައެއް ދަތުރުތައް އަދި ޑިފެންސާ ގުޅޭ ބައެއް ތަމްރީނުތައް

އެ އޮޕަރޭޝަންތަކުން ދިވެހި ރައްޔިތުންނަށް ފައިދާތަކެއް ވެފައިވީ ނަމަވެސް ބޭރުގެ ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަށް ދިވެހި ރައްޔިތުން ނޭދޭ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެހެންކަމުން ދިވެހީންގެ އެ ނިންމުމާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތް ބައްޓަން ކުރައްވަމުންގެންދަވާކަމުގައި ފިރުޒުލް ވަނީ ވިދާޅުވެފައެވެ.