މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް މާލެސިޓީ ކައުންސިލްގެ އިސްވެރިންނާއި ކައުންސިލަރުންނާއި ބައްދަލު ކުރައްވައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި އެ ކައުންސިލް ބިއުރޯގައި ބޭއްވި މި ބައްދަލުވުމަކީ މިނިސްޓްރީއާއި ހުރިހާ ސިޓީތަކާއި ކައުންސިލްތަކާއި ގުޅިގެން ނަތީޖާ ނެރުމަށްޓަކައި ކައުންސިލްތައް ހިންގުމުގައި ދިމާވާ ދަތިތައް ދެނެގަނެ އެކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވަޒީރެއްގެ ގޮތުގައި ހުންނަވާ އަދި މާލެސިޓީގެ މޭޔަރެއްގެ ގޮތުގައި ހުންނަވައިގެންވެސް ކައުންސިލްގައި ހުރި މުހިންމު ކަންކަން ތަޖުރިބާ ކުރައްވާފައި ކަމަށެވެ.
އެގޮތުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އަކީ އެ ތަޖުރިބާގެ އަލީގައި ރައީސް މުއިއްޒު އުފެއްދެވި މިނިސްޓްރީއެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ރައީސްގެ ކެމްޕޭނުގައި ވިދާޅުވި ފަދައިން މުޅި ރާއްޖެ ގުޅިލާމެހިގެން މަސައްކަތް ކުރާއިރު ސަރުކާރާއި ރައްޔިތުންނާއި، އަދި ކައުންސިލްތަކާއި ސިޓީތަކާއި ގުޅުވައިދިނުމަށްޓަކައި، ވުޒާރާއެއް އުފައްދަވައި ރައީސް ޑރ. މުޢިއްޒުގެ ވައުދު ފުއްދަވާފައިވާ ކަމަށެވެ. އަދި ދެން އޮތް މަސައްކަތަކީ މިނިސްޓްރީ އާއި ކައުންސިލްތަކާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނި ކަންތައްތަކުން ނަތީޖާ ނެރުމަށްޓަކައި މަސައްކަތްކުރުން ކަމަށް ވިދާޅުވިއެވެ.
އަދި ރައްޔިތުންނާއި ސަރުކާރާއި ގުޅުވައިދިނުމުގައި ސިޓީތަކާއި ކައުންސިލްތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށާއި، މިފަދައިން މާލެ ސިޓީ ކައުންސިލާއި މާލެސިޓީގެ ރައްޔިތުންނާއި ގުޅުވައިދިނުމަށް މިނިސްޓްރީއިން އެއްބާރުލުން ފޯރުކޮށްދިނުމާއިއެކު، ހުރިހާ މާނައެއްގައި ރައީސުލް ޖުމްހޫރިއްޔާ މާލެސިޓީ އަށް ގެންނަވަން ބޭނުންފުޅުވާ ބަދަލުތައް ގެނައުމުގައި މިނިސްޓްރީ އާއި ކައުންސިލާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓަރ އާދަމް ޝަރީފް ވަނީ ދެއްވާފައެވެ.
ހަމައެއާއެކު މާލެ ސިޓީގެ އެކްޓިންގ މޭޔަރުގެ އިތުރުން ބައެއް ކައުންސިލަރުން ވަނީ ކައުންސިލް ހިންގުމުގައި ނިމިދިޔަ ސަރުކާރުގައި ދިމާވި ދަތިތަކުގެ ވާހަކަތައް މިނިސްޓަރާއި ހިއްސާ ކުރައްވާފައެވެ.އެގޮތުން މާލެސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ލޭންޑް ޔޫސް ޕްލޭން ފާސްނުވެ އޮތުމުން ދިމާވާ ގޮންޖެހުންތަކާއި، ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.
މި ކަންބޮޑުވުންތަކާއި ގުޅިގެން މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރުން މިހާރަށް ހައްލުކުރަންޖެހޭ މުހިންމު ކަންކަން ދިރާސާއަކަށް ނުގޮސް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި ލާމަރުކަޒީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ޢިލްމީ ދިރާސާއަކަށްފަހު ކުރިއަށް ދާނެ ކަމަށާއި، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ހިންގުމަށް އިސްކަން ދެއްވާނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.