އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސް އެންޑް ލޯ އެންފޯސްމެންޓްގައި މަސައްކަތްކުރާ ފުލުހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އޭނާ ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް ހިތަދޫ ސްވިމިން ޓްރެކާ ދިމާ މޫދުން ކަަމަށް ފުލުހުން ބުންޏެވެ. މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ފޭދޫ މީހެކެވެ.

އޭނާ ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓުކުރީ ރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެއަށް ނައިސްގެންނެވެ. ރިޕޯޓު ކޮށްފައިވަނީ ރޭ 12:40 އެހައިކަންހާއިރުއެވެ. ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުން އޭނާ ހޯދަމުގެ މަސައްކަތް ފެށިއެވެ. ހިތަދޫ ސްވިމިން ޓްރެކް ސަރަހައްްދު މޫދުން އޭނާ ފެނިފައިވަނީީ ދަންވަރު 1:40 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ މޫދުން ނަގައިގެން ގެންދިޔައީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.