މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕާލިމެންޓްރީ ގްރޫޕަށް މަޖިލީހުގައި ތަމްސީލުކުރުމުގެ ފުރުސަތު ގެއްލިފައިވާކަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާން ކުރައްވަައިފި އެވެ.

އެމްއެންޕީއަށް އެ ފުރުޞަތު ގެއްލުނީ، ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އަހުމަދު އުޝާމް އެ ގޮނޑިން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިދިޔަ ހުކުރު ދުވަހު، އުޝާމް މެމްބަރު ކަމުން އިސްތިއުފާ ދެއްވުމުން، މަޖިލިހުގައި ޕާޓީ ތަމްސީލު ކުރަން ގަވާއިދު ކަނޑައަޅާފައި އޮންނަ އަދަދުން އެއް ބޭފުޅަކު މަދުވީއެވެ. ކުރިން ތިއްބެވި ތިން މެންބަރުން ތިބޭނަމަ އެޕަޓީއަކަށް މަޖިލީހުގައި ތަމްސީލްކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް އަސްލަމް ވިދާޅުވީ، އެގޮތަށް ކަންތައް ދިމާވެފައި އޮތުމުން، މޯލްޑިވްސް ނެޝަނަލް ޕާޓީ މަޖިލީހުގައި ތަމްސީލުކުރުމަށް މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ނ)ގެ 2 ވަނަ ނަމްބަރުގެ ދަށުން ލިބުނު ހައިސިއްޔަތު އެ ޕާޓީއަށް ގެއްލިފައިވާތީ މަޖިލީހުގެ 33 ވަނަ މާއްދާގެ (ބ)ގެ ދަށުން އެކަން އިއުލާނުކުރައްވާ ކަމަށެވެ.

އެމްއެންޕީ ތަމްސީލުކުރައްވާ އުޝާމް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ އާ ސަރުކާރުގެ ބަންޑާރަ ނައިބު ކަމުގެ މަގާމަށް ވަަޑައިގެންނެވުމަށެވެ.

އެމްއެންޕީގެ މެމްބަރުންނަށް ތިއްބަވާނީ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.