ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ މުވައްޒަފުން ޕީއެޗްޑީ ފެންވަރަށް ގެނައުމަށްޓަކައި އެ ޔުނިވަރސިޓީގެ މުވައްޒަފުންނަށް ހާއްސަ ސްކޮލަރޝިޕް ފުރުސަތުތަކެއް ދޭން ނިންމައިފިއެވެ.

މިއަދު އައިޔޫއެމްގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ވިދާޅުވީ، އައިޔޫއެމްގެ ސްޓާފުން ބިނާ ކުރުމަށް، ކޮންމެ އަހަރަކަށްވެސް ކަނޑައެޅިގެން ވަކިވަރަކަށް ސްކޯލާޝިޕްދޭން ރާވަމުން އަންނަ ކަމަށެވެ. ހިލޭ ޑިގްރީއާއި ކަންކަން އޮންނަ ކަން ފާހަގަކުރައްވާ މިނިސްޓަރު ޝަހީމް ވިދާޅުވީ ސްކޮލާޝިޕް މި ދެނީ ހަމައެކަނި ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ކަމަށެވެ.

އެހެން ނަމަވެސް ސްޕެޝަލައިޒް ވުމަށް، ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ބޭނުންވާ އެހީތެރިކަން އިސްލާމިކް ޔުނިވާސިޓީ އަށް ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ އައިޔޫއެމް ދަނީ ވަރަށްބޮޑަށް ފުޅާވަމުން ކަން ފާހަގަކުރައްވާ ޑރ. ޝަހީމް ވިދާޅުވީ ކުރިއަށް މި އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ލަފާ ކުރެވޭ ގޮތުގައި އައިޔޫއެމްގެ ބިނާތަށް ރާއްޖޭގެ ކަންކޮޅުތަކުގައި ބިނާވެ، ޔުނިވަރސިޓީގެ ކޯސްތައް ފެށިގެންދާނެ ކަމަށެވެ.

އެހެންކަމުން ކިޔަވައިދެއްވާ ލެކްޗަރަރުން އެ ފެންވަރަށް ތަމްރީނު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.