ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް، ޗައިނާގެ ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ ޗެއަރމަން ޔަން ޖިން ހައި އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޗެއަރމަން ޔަން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒަށް މަރުހަބާ ވިދާޅުވެ، ޗެއަރމަން ޔަން ރާއްޖެ ވަޑައިގަތުމުން ކިޔުއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޗެއަރމަން ޔަން ރާއްޖެއަށް ޒިޔާރަތް ކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ޗައިނާގެ ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ މަސްލަހަތު ހުރި އެކި ދާއިރާތަކާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކަރައްވާފައިވެއެވެ. މިގޮތުން ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމާއި، ފަތުރުވެރިކަން ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން، ޗައިނާގެ ޒިންގޒަން އޮޓޮނޮމަސް ރީޖަން އާއި ރާއްޖެއާ ދެމެދުގައިވާ ސަގާފީ އެއްގޮތް ކަންކަމާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތައް ފަދަ ދެޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ޗެއަރމަން ޔަން ވަނީ ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ ސަގާފަތާއި ޖިއޮގްރަފީއާއި އެތަނުގައި ހިމެނޭ އާދަޔާ ހިލާފު ތަފާތު ތިމާވެށި ހިމެނޭ ގޮތަށް އެކި ކަންކަމާ ގުޅޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައެވެ. މީގެ އިތުރުންވެސް ރާއްޖޭގައި ސާފު ބޯފެނުގެ ދަތިކަން ހުރިކަން އެނގިވަޑައިގަންނަވާކަން ހާމަކުރައްވަމުން، ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ ފަރުބަދަމަތީ ގަނޑުފެނުން އުފައްދާ ފެންފުޅީގެ 1,500 ޓަނުގެ ފުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ޗެއަރމަން ޔަން ހުށަހެޅުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދީލަތި ހުށަހެޅުއްވުން ގަބޫލުކުރައްވައި، ޗެއަރމަން ޔަންއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުއިއްޒުއާއި، ޗެއަރމަން ޔަން ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު ދިގު ޒަމާންތަކެއް ވަންދެން އޮތް ތާރީހީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ކުރިއަށް އޮތް އަހަރުތަކުގައި މިގުޅުމަށް އިތުރު ކާމިޔާބީ އެދިވަޑައިގެންފައެވެ.