މާލެ ސިޓީގެ ހުރިހާ މުނިސިޕަލް ހިދުމަތެއް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން އެކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިއަދު ރައީސް އޮފީހުން ފަށްޓަވައިފިއެވެ.

މިއަދު ގެންނަވަން މި ފެށްޓެވި ބަދަލުތައް އެކީ ފުރިހަމަވުމުން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތައް ދެއްވަމުން ގެންދަވާނީ މާލެ ސިޓީ ކައުންސިލުންނެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގެ މައިގަނޑު މުނިސިޕަލް ހުރިހާ ހިދުމަތެއް މިހާރު ދެމުން ގެންދަނީ އަރބަންކޯއިންނެވެ.

މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް، މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު މިކަން މިގޮތައް ނިންމަވައިފައި ވަނީ މާލެ ސިޓީގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތީންނެވެ.