ޔޫ.އޭ.އީ. އަކީ އެޤައުމުގެ ރައްޔިތުންގެ އާދަޔާ ޚިލާފު ރޫޙު ދައްކުވައިދީފައިވާ ޤައުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 52 ވަނަ ޔޫނިއަން ޑޭ ގެ މުނާސަބަތުގައި ރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަފްލާގައިި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޔޫ.އޭ.އީ. އަކީ ދުނިޔޭގެ އެންމެ މަޤުބޫލު އެއް މަންޒިލްކަމަށެވެ. ހަމާއެއާއެކު އެ ޤައުމަކީ ތަރައްޤީއާއި، ފުދުންތެރި ރައްޔިތެއްގެ ފުރިހަމަ މިސާލެއް ކަމަށް ވެސް ވިދާޅުވިއެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި މި ޙަފްލާގައި، ރައީސް ވިދާޅުވީ ޔޫ.އޭ.އީ. އާއި ދިވެހިރާއްޖެއާ ދެމެދުގައި އޮތް ގާތް ގުޅުމަށް އާ ދައުރެއް ގެނެސްދެއްވުމަށް، އެ ޤައުމާއެކު ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނޭ ކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ވަރުގަދަކޮށް، އެއް އަމާޒަކަށް މަސައްކަތްކުރާ ބައެއް ކަމުގައި ވުމުން ހޯދޭ ކުރިއެރުންތައް، މީގެ 52 އަހަރު ކުރިން އެމިރޭޓްސްގައި ހިމެނޭ ޤައުމުތަކުން ގުޅުން ޤާއިމުކޮށް ދެއްކި ނަމޫނާއިން ރަމްޒުކޮށްދޭ ކަމުގައެވެ. އޭގެ ސަބަބުން ޔޫ.އޭ.އީ.އަށް ވަރަށް ބޮޑު އިޖާދީ ބަދަލެއް އައިސްފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަށްޓަކައި ރައީސް ވަނީ އެގައުމަށް މަރުހަބާ ވިދާޅުވެފައެވެ.
މިއަހަރަކީ ރާއްޖެއާއި ޔޫ.އޭ.އީ. އާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރޭ އަހަރެވެ. ރަައީސް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ދެޤައުމުގެ ދެމެދުގައި ވަނީ ވަރަށް ރަނގަޅު ގުޅުމެއް އުފެދިފައިކަމުގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމުމަށްޓަކައި، ދާދިފަހުން ޔޫ.އޭ.އީ. އިން އިތުރު ފައިސާގެ އެހީ ފޯރުކޮށްދެއްވިކަމީ، ދެ ޤައުމުގެ ގާތް ގުޅުމުގެ ހެއްކެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި މަހުގެ ފަހުކޮޅު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމަށް ވަޑައިގަންނަވާނެކަން ރައީސުލްޖުމްހޫރިއްޔާ ރޭ އިޢުލާން ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަހަރުގެ ކޮޕް ބައްދަލުވުމަކީ ޚާއްޞަކޮށް ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މުހިންމު ބައްދަލުވުމެކެވެ. 'ލޮސް އެންޑް ޑެމޭޖް ފަންޑު' ބޭނުންކުރެވޭނެ ގޮތްތައް ފަހިކޮށް، ފުރަތަމަ ފަހަރަށް ނެގޭ 'ގްލޯބަލް ސްޓޮކް ޓޭކް' ގައި ރަނގަޅު ނަތީޖާތަކެއް ހާސިލްކުރެވޭނެކަން ޔަގީންކުރަންޖެހޭ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އަދި ދުނިޔޭގެ ވެށި ރައްކާތެރިކޮށް ސަލާމަތްކުރުމަށް އެންމެން އެއްބައިވަންތަ ކުރުވަން މަސައްކަތްކުރަންޖެހޭ ކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮޕް-28 ގެ ކާމިޔާބީ ކަށަވަރުކުރުމަށް ރާއްޖެއިން ޔޫ.އޭ.އީ. އަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި، ޔޫ.އޭ.އީ. ގެ ރިޔާސަތުގައި ހަރުދަނާ ނަތީޖާތަކެއް ނެރެދޭކަމަށް ޤަބޫލުފުޅުކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި ދައުލަތުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.