ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ މިއަދު އިންކާރު ކުރައްވައިފި އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މެންދުރު 13:30 ގައި ބޭއްވި އަލީ ވަހީދުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާ ދައުވާތަކަށް އިންކާރު ކުރައްވާފައިވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ދައުވާތައް އިއްވައި ހެކި ހުށަހެޅި ކަމަށާއި އެ ހުރިހާ ދައުވާތަކަށް އަލީ ވަހީދު އިންކާރު ކުރެއްވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ވަނީ ހަ ދައުވާއެއް އުފުލާފައެވެ. އެ ދައުވާތަކަކީ:

1- ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ

2- ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ

3- ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.

4- ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ

5- ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ

6- ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ