ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޕީޕީއެމްގެ ހަރަކާތްތަކުން ސަސްޕެންޑުކޮށް އޭނާގެ މައްސަލަ އެ ޕާޓީގެ ސުލޫކީ ކޮމިޓީއިން ބަލަން ފަށައިފިއެވެ.
މަލީހު ސަސްޕެންޑުކޮށް މައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައި މިވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށާއި އަދިވެސް މިފަދަ އެތައް ކަމެއް ކުރެއްވިކަމަށް ބުނެއެވެ.
މަލީހުގެ މައްސަލަ ބެލުމަށް ޕާޓީގެ އަސާސީ ގަވައިދުގެ އަށް ވަނަ މާއްދާ އިން ލީޑަޝިޕަށް ލިބިގެންވާ ބާރުގެ ދަށުން ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް އޭނާގެ މައްސަލަ ޕާޓީގެ ސުލޫކީ ކޮމިޓީ އަށް ފޮނުވާފައިވާކަމަށް ޕީޕީއެމްއިން ވަނީ މަލީހަށްވެސް ސިޓީއަކުން ދަންނަވައި މިވަގުތުން ފެށިގެން މަލީހު މިވަގުތުން ފެށިގެން ޕާޓީގެ ސުލޫކީ ކޮމިޓީން ގޮތެއް ނިންމަން ދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި މަލީހް ބައިވެރިވެގެން ނުވާނެ ކަން އަންގަވާފައެވެ.
ސުލޫކީ ކޮމިޓީ އަށް ފޮނުއްވި ސިޓީގައި ސޮއި ކުރައްވާފައި ވަނީ ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.
ޕީޕީއެމް ސެނެޓަރެއްގެ މަގާމުގައި ހުންނެވުމާއެކުވެސް، މަލީހް އިސްކޮށް ހުންނަވައިގެން ޕާޓީ ބަދުނާމް ކުރައްވައި ޕާޓީ ބައިބައި ކުރެއްވުމުގެ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަން ޕާޓީގެ ލީޑަޝިޕަށް ފާހަގަ ކުރެވިފައިވާ ކަމަށް ސުލޫކީ ކޮމިޓީ އަށް ފޮނުއްވި އެ ސިޓީގައި ބުނެފައިވެއެވެ.
މިގޮތުން ސިޓީގައި ފާހަގަކޮށް ހާމަކޮށްފައިވަނީ ޕާޓީގެ ލީޑަޝިޕް އަދި ސެނެޓަށް އެނގުމެއް ނެތި މަލީހު އަމިއްލައަށް ކޮމިޓީތައް އުފައްދަވާފައިވާކަމަށެވެ. މަލީހު ވަނީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީގެ ލީޑަޝިޕް ނުވަތަ ސެނެޓްގެ އެއްވެސް މަޝްވަރާއެއް ހޯދުމެއް ނެތި ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެންސް ބާއްވަވާފައި ކަމަށްވެސް ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެ ޕްރެސް ކޮންފަރެންސް ލީޑް ކުރައްވައި އަދި ޕާޓީގެ އަސާސްތަކާ ހިލާފަށް ޕާޓީ ބަދުނާމްކޮށް ބައިބައި ކުރުމުގެ މަސައްކަތެއް މަލީޙް ކުރައްވާފައިވާ ކަމަށް ވެސް ދެ ބޭފުޅުންގެ ސިޓީގައިވެއެވެ.
ރޭ ޕީޕީއެމް އޮފީހުގައި، މަލީހު އިސްވެ ހުންނަވައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދާ މުޅިން ހިލާފު ބައްދަލުވުމެއް ކަމަށް އެޕާޓީން ބުނެއެވެ. އާންމުކޮށް ޕީޕީއެމުން ނޫސްވެރިންނާ ބައްދަލުކުރާނަމަ، އެކަން އެ ޕާޓީގެ މީޑިއާ ގްރޫޕުގައި ހިއްސާކުރެއެވެ. ނަމަވެސް, ރޭގެ ބައްދަލުވުމާ ބެހޭގޮތުން އެފަދަ އެއްވެސް މެސެޖެއް ހިއްސާ ނުކުރެއެވެ.
މަލީހާއި ކުރީގެ ކޮޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް, އައްބާސް އާދިލު ރިޒާ އިސްކޮށް ތިއްބަވައިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިއްބެވި ބޭފުޅުން އެ ބައްދަލުވުން ފެއްޓެވީ ކޮން ހައިސިއްޔަތަކުންތޯ މިހާތަނަށްވެސް ސާފުވެފައި ނުވެއެވެ.