ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. އެމަގާމަށް އައްޔަން ކުރައްވާފައިވަނީ ހެންވޭރު ރަންގަލި 4، ޙަމްދީ ޢަޤީލެެވެ. އޭނާ އެމަގާމަށް އައްޔަން ކުރެއްވީ މިއަދުއެވެ.

ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.

ޙަމްދީ އަގީލަކީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމަރސް ހާސިލުކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. ހަމްދީ އަގީލް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމާއި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު ހިމެނެއެވެ.