ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި "އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން މަަނާ" ކުރާ ޕެޓިޝަން، މަޖިލިހުގެ ޕެޓިޝަން ކޮމިޓީން ފާސް ކޮށްފިއެވެ.

އިއްޔެ ބޭވުނު ކޮމިޓީ ބައްދަލުވުމުގައި ޕެޓިޝަނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއުރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ރާއްޖެއަކީ އެއްވެސް ގައުމަކާ ދެކޮޅު ގައުމަކަށް ނުވި ނަމަވެސް، އިންސާނިއްޔާއި ޚިލާފް ބޮޑެތި ޖަރީމާތައް ހިންގާ ގައުމުތަކާ ދެކޮޅަށް ރާއްޖެއިންވެސް ފިޔަވަޅު އަޅަން ޖެހޭކަމުގައެވެ. އަދި އެއީ ދުނިޔޭގެ އެހެން ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުންވެސް އެކަން ކުރާ ގޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުނޅަގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ފަލަސްތީނުގައި ހިގަމުންދަނީ ހަނގުރާމައެއްކަމަށް ގަބޫލު ނުކުރެވޭ ކަމުގައެވެ. އަދި އެއީ ގަތުލުއާންމެއްކަމަށް ސިފަ ކުރައްވަމުން އެއީ އިންސާނީ ހަޟާރަތެއް ނެތި ކޮށްލުމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޓީގެ މުގައްރިރު މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ވިދާޅުވީ ރައިޓްސް މޫވްމަންޓުން ހުށަހަޅާފައިވާ އެ ޕެޓިޝަންގައި ގޮވާލަނީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެއީ އެ ކޮމިޓީއަށް ގޮތް ނިންމެން އޮތް ޕެޓިޝަނެއް ކަމުގައެވެ.

ޕެޓިޝަން ފާސް ކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވި 6 މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ.