މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވް އެންމެ ބޮޑަށް އަސަރުކުރި އަހަރު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން، ރާއްޖޭގެ އިގްތިސާދީ އަދާހަމަ "ބެޓަން ޑައުން ދަ ހެޗަސް" ރިޕޯޓު ނެރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އިކޮނޮމިސްޓް އާޑަމް އޭޓަސް ވިދާޅުވީ، ތެލަށް ކުރި ހަރަދާއި އަދި އެކި ހަރަދުތައް ހަމަޖެއްސުމަށް ރިޒާވަށް ޕްރެޝަރު ވަރަށް ބޮޑުވި ކަމަށެވެ. އެހެންވެ، މިއީ އެންމެ ބޮޑަށް ރިޒާވަށް އަސަރު ކުރި އަހަރު ކަމުގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

އޭޓްސް ވިދާޅުވީ ރާއްޖޭގެ ޓްރޭޑް ޑެފިސިޓް ހުރީ ވަރަށް މަތީގައި ހުރުމުގެ ސަބަބުން ރިޒާވަށް ބޮޑު އަސަރެއް ކުރާ ކަމަށެވެ.

ރާއްޖޭގެ ރިޒާވު 592 މިލިއަން ޑޮލަރަށް ކުޑަވެފައި ވާ ކަން ފާހަގަކުރައްވައި އޭޓްސް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވް އެންމެ ބޮޑަށް ކުޑަވި އެއް ފަހަރު ކަމަށެވެ. މި އަދަދުން ހަމައެކަނި ހަމަޖައްސާލެވޭނީ 1.9 މަހުގެ އިމްޕޯޓު ކަމުގައިވެސް އޭޓްސް ވިދާޅުވިއެވެ.

މިއީ މި އަހަރުގެ ސެޕްޓެމްބަރުގައި ރާއްޖޭގެ ރިޒާވު ހުރި ހިސާބެވެ. މި އަހަރު ފެށި އިރު ރާއްޖޭގެ ރިޒާވްގައި ހުރީ 790 މިލިއަން ޑޮލަރެވެ. އެއީ ތިން މަހަށް ބޭނުންވާ އިމްޕޯޓެވެ. މި އަހަރު ރިޒާވުން ތެލުގެ ހަރަދުތައް ހަމަޖައްސަން 800 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ.

ޖީއެސްޓީއާ ހެދި ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް ހަރަދުތައް ވަނީ މާ ބޮޑަށް އިތުރުވެފައި ކަމަށާއި އެހެންވެ، އާމްދަނީ އިތުރުވެގެން ދައުލަތަށް ލިބުނު ފަސޭހައެއް ނެތް ކަމަށް އާޑަމް ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން ބުނިގޮތުގައި، ހަރަދުތަކުގެ މައްސަލަ ހައްލު ކުރަން ސަބްސިޑީ އާއި އާސަންދަ ރިޕޯމު ކުރަން ޖެހެ އެވެ. މިކަންކަން ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހިމަނައިފަ އެވެ.

އަންނަ އަހަރުގެ ޖުލައި މަހު ފިސްކަލް ހިރާސްތައް ކުޑަ ކުރުމަށް ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުުތައް ތަންފީޒު ކުރުމަކީ ފިނޭންސް މިނިސްޓްރީގެ އަމާޒެވެ. އަދި މިނިސްޓްރީން ނިންމާފައި ވަނީ ސަބްސިޑީ ހުރިހާ އެންމެނަށް ދިނުމުގެ ބަދަލުގައި އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ދިނުމަށެވެ.