ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށާ އަދި މި ވެރިކަަމަކީ ރައްޔިތުންނަށް ލާބައާއި މަންފާހުރި ނަފާވެރި ވެރިކަމަކަށް ހެދުމަށް ސާބިތުވެހުންނާނެކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވައިފިއެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރައްޔިތުން ވަރަށް ބުރަ މަސައްކަތް ކޮށްގެން ގާއިމުކުރި ވެރިކަމެއް ކަމަށެވެ.

މީގެއިތުރުން ރައީސް ޑރ.މުއިއްޒު ވެރިކަން ގެނައުމަށް މަސައްކަތް ކުރި ފަދައިން, މި ވެރިކަން ހިމާޔަތްކޮށް ދަމަހައްޓަން ކުރަންޖެހޭ ކަންކަން ވެސް ކުރައްވާނެ ކަމަށް ވެސް މިދިޔަ ރިޔާސީ އިންތިޚާބުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި ޑރ.ޝަހީމް ވިދާޅުވިއެވެ.

އަދި އެމަނިކުފާނުގެ އިތުރުން އެހެން މިނިސްޓަރުން ވެސް ވަނީ މި ވެރިކަން ދަމަހައްޓަން ސާބިތުކަމާއެކު ތިއްބެވި ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރުން މިފަދައިން ވިދާޅުވީ ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވައި އާ ޕާޓީއެއް އުފައްދަވަން ނިންމެވުމާ ގުޅިގެންނެވެ.