ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އުފައްދަވާ ޕާޓީގެ ނަމާއި ލޯގޯ ސޯޝަލްމީޑިއާގައި އާންމުކޮށްފިއެވެ. އެގޮތުން އެ ޕާޓީއަށް ކިޔަން ކަނޑައަޅާފައިވާ ނަމަކީ ''ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީ.އެން.އެފް) އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭގައި އެމަނިކުފާނުގެ ވަކީލު ޑރ.މުހައްމަދު ޖަމީލު ވަނީ ރައީސް ޔާމީން އާ ޕާޓީއެއް އުފައްދަވަން ނިންމެވި ވާހަކަ އިއުލާނު ކުރައްވާފައެވެ،

މީގެ އިތުރުން ޖަމީލު ވިދާޅުވެފައިވަނީ ރައީސް ޔާމީން މި ނިންމެވުން ނިންމެވީ ވެރިކަމަށް ހޮވިވަޑައިގަތުމަށްފަހު، ޑރ މުއިއްޒު ރައީސް ޔާމީނުގެ ފޯނެެއް ވެސް ނުނަންގަވާ ކަމަށާއި ޕީޕީއެމްގެ ލީޑާޝިޕުން ރައީސް ޔާމީނާ ދުރަށްވަޑައިގެންފައިވާތީ ކަމަށެވެ.

އަދި އެމަނިކުފާނާއިއެކު ކަންކަމުގައި މަޝްވަރާއެއް ނުކުރައްވާ ކަމަށާއި މަޝްވަރާއާއެކު ޕާޓީ ހިންގަވަން އެބޭފުޅުން ބޭނުމެއްނުވާ ކަމަށާއި ޕާޓީ ހިންގުމަށްޓަކައި އެއްވެސް ހަރަކާތެއް އެބޭފުޅުން ކުރައްވަން ބޭނުންފުޅެއް ނުވާތީ ކަމަށްވެސް ޖަމީލު ވިދާޅުވެފައިވެއެވެ.

މި ޕާޓީ އުފެއްދެވުމުގެ ހުއްދަ ހޯދުމަށް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވަނީ ނިންމާފައެވެ.