ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ރިޔާސީ އެޖެންޑާގައި މީޑިއާއާއި ނޫސްވެރިކަން ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާފައިވާކަން ފާހަގަ ކުރައްވައި، ދިވެހި މީޑިއާތަކަށާއި ދިވެހި ނޫސްވެރިކަމަށް، ކުރިއެރުމާ ކާމިޔާބީގެ ރަން ޒަމާނެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒުގެ ޒަޢާމަތުގައި ގެނެސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް މީޑީއާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ 'ނޫސްވެރިންގެ އިނާމު 2022' ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކުރިއަށްދިޔަ މި ހަފުލާގައި ވާހަކަފުޅުދައްކަވަމުން، މީޑިއާއާއި ނޫސްވެރިކަން ކުރިއަރުވައި، ރަނގަޅު ނަތީޖާ ނެރުމަށް ސަރުކާރުން އަމާޒުހިފާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

މިގޮތުން، ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ފައިސާ ދެއްވުމާއި، އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މަގު ނޫސް މީޑިއާތަކަށް ފަހިކޮށްދެއްވުމާއި، އޮފީސް ހަރަދުކުޑަކޮށް މީޑިއާ ހިންގޭނެ މީޑިއާ ވިލެޖެއް ގާއިމުކޮށްދެއްވުމާއި، އެކި ދާއިރާތަކުން ނޫސްވެރިން ތަމްރީނުކޮށް، ތައުލީމުދީ، ގާބިލް ނޫސްވެރީން ބިނާކުރުމަށް ދައުލަތުން ހޭދަކުރެއްވުމާއި، ސަރުކާރުން ހަބަރާއި މައުލޫމާތު ފޯރުކޮށްދެއްވުމުގައި، ނޫސްތަކުގެ މެދުގައި ތަފާތު ނުކުރުމާއެކު، ނޫސްވެރީންނަށް ޖަވާބުދާރީވެ ޒިންމާދާރުކަމާއެކު ކަންކަން ހާމަކުރެއްވުން ހިމެނޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހުސެން ވަނީ، ކުރިއާ އަޅައި ބަލާއިރު މީޑިއާތަކާއި ނޫސްވެރިންގެ ޒިންމާ މިޒަމާނުގައި ބޮޑުވެފައިވާ މިންވަރަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ސޯޝަލް މީޑިއާގެ ސަބަބުން، ކޮންމެ މީހަކަށްވެސް މިހާރު ފަސޭހަކަމާއެކު ހަބަރެއް ފަތުރާލެވިދާނެކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ތެދު ހަބަރު ފޯރުކޮށްދީ، ކޮންމެ ކަމެއްގެވެސް ހުރިހާ ފަރާތެއް ހާމަކޮށް، ދޮގާއި ފިތުނަ ފެތުރުނަ ނުދީ، ގައުމުގެ އަގުތައް ހިފެހެއްޓުންފަދަ ހުރިހާ ކަމަކީ ނޫސްވެރީންގެ ކޮނޑުގައި އެޅިފައި އޮތް ވަރަށް މުހިންމު ވާޖިބެއްކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ނޫސްވެރިންގެ ގައުމީ ޒިންމާ އެހެން އެއް ޒަމާނަކަށްވުރެ މިއަދު ބޮޑުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ހަފުލާގައި އެމަނިކުފާނު ވަނީ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ އާ ލޯގޯ އިފްތިތާހުކޮށްދެއްވާފައެވެ. އަދި 2022 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާކަމަށް ހޮވިވަޑައިގެންނެވި ދައުރު ނޫހުގެ އަހުމަދު ނާއިފަށް އެމަނިކުފާނު އިނާމު ހަވާލުކޮށްދެއްވިއެވެ.