އައްޑޫ ސިޓީ މަރަދޫފޭދުއާއި ހުޅުމީދޫ އަދި އދ. ދަނގެތީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ކަމުގެ ތުހުމަތުގައި ނޮވެމްބަރު 23 ވަނަ ދުވަހު މަރަދޫފޭދޫ ގެއެއް ބަލައި ފާސްކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުން ކަމަށެވެ. އެގެ ބަލައިފާސްކޮށް މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ތިން ޕެކެޓު ފެނިފައިވާ ކަމަށެވެ. އެ ތަކެއްޗާއެކު 43 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މީގެ އިތުރަށް ފުލުހުން ބުނީ މިމަހު ބާވީސް ވަނަ ދުވަހު ދަނގެތީގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ދަނގެއްޗަށް ދަތުރުކުރަމުންދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. އެ އޮޕަރޭޝަނުގައި، އެ ލޯންޗުން ބޭލި ތަކެތި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދަޅެއް ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ހުޅުމީދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނޮވެމްބަރު 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނުމާ ގުޅިގެންނެވެ.

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.