ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސްގެ ރައީސް، އަބްދުالله އެރެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ތުރުކީވިލާތުގެ ޕްރެސިޑެންޝަލް ގެސްޓްހައުސްގައެވެ.

ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސްގެ ރައީސް، މި ބައްދަލުކުރެއްވުމުގައި ވަނީ، ރައީސް ޑރ މުއިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒާއި އާއި ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސްގެ ރައީސް ވަނީ، ތައުލީމީ ދާއިރާއާއި އިޖްތިމާއީ ދާއިރާއިން އަދި ގައުމުގެ ސަގާފަތުގެ ދާއިރާއިން ރާއްޖެއާއި ތުރުކީއާ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުސަތުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން ފަންނީ ތަމްރީނުތައް އިތުރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން މި ދެބޭފުޅުންގެ ދެއްކެވި ވާހަކަފުޅުގައި، ގައުމީ ދިފާއީ ދާއިރާއާއި، ސިއްހީ ދާއިރާއާއި، ބޭސްވެރިކަން ފަދަ ދާއިރާތަކުން ދިވެހިން ތަމްރީނުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ވަޒީފާގެ މައިދާނުގައި އެކި ދާއިރާތަކުން ކުރިއަރަމުންދާ ފަރާތްތަކަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތަކުން ދިވެހިންނަށް މިހާރަށްވުރެ ފުރުސަތު އިތުރުކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 28 މޭ 1979 ގައެވެ.

ރައީސް މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.