ތުރުކީވިލާތުގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުއި ފަސޭހައެއް ހޯދައިދެއްވަން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ހާއްސަ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ތުރުކީވިލާތުގެ ނޭޝަންސް ލައިބްރަރީގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ބޭނުންވާ ކަންތައްތަކާއި އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ބައްލަވާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން، ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ވަނީ އެފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަމާއި، އެގައުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ. އޭގެތެރޭގައި ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑުގެ ސަބަބުން ދިމާވާ އުނދަގޫތައް ހިއްސާކުރެއްވިއެވެ.

މީގެ އިތުރުންވެސް އެކިއެކި ތަމްރީނުތައް ފުރިހަމަ ކުރުމަށްޓަކައި އެ ޤައުމުގައި ތިބި ފަރާތްތައް، ޗުއްޓީގައި ދިވެހިރާއްޖެއަށް އަނބުރާ ދިއުމަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރެއްވުމުގެ އިތުރުން ތަމްރީނުގެ ފުރުސަތުތަކާއި، ސްކޮލަރޝިޕް ފުރުސަތުތައް ދިވެހިންނަށް އިތުރަށް ފަހިކޮށްދެއްވުމަށް ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިންވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.

ރައީސް ވަނީ ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީވިލާތުގައި ހުޅުވުމަށްކުރަންޖެހޭ މަސައްކަތްތައްކުރުމަށް މަޝްވަރާކުރައްވާނެކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާކަމުގައި ވިދާޅުވެފައެވެ.

އަދި ތުރުކީވިލާތުގެ އިސްބޭފުޅުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު އެބޭފުޅުން ވަނީ 2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ހާއްސަކޮށް 30 ސްކޮލަރޝިޕް ފުރުސަތު ދެއްވާނެކަން ޔަގީންކޮށްދެއްވާފައި ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި މި ފުރުސަތުތައް މިއަންނަ ޖެނުއަރީ މަހު ހުޅުވާލައްވާނެކަމަށް ތުރުކީވިލާތުގެ އިސްބޭފުޅުން ވިދާޅުވެފައިވާކަން އެމަނިކުފާނު ހިއްސާ ކުރެއްވިއެވެ.

ރައީސް ވަނީ މި ސަރުކާރުން ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަން ފަސޭހަކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށާއި އަދި މީގެ އިތުރުންވެސް ސަރުކާރުގެ ފުރިހަމަ ސަޕޯޓް ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ލިބޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ، ތުރުކީވިލާތަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި، ރާއްޖެއަށް ފައިދާހުރި އެކި ދާއިރާތަކުން އެހީތެރިވެދޭ ގައުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މުސްތަގުބަލުގައި ތުރުކީވިލާތާ އެކު މިހާރަށްވުރެ ގާތްގުޅުމެއް އުފެއްދޭނެކަމުގެ ޔަގީންކަން އޮތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.