ތުރުކީވިލާތުގެ ނައިބު ރައީސް ޝޭވްދޭތު ޔިލްމާޒް، ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތްކުރައްވާ ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި އިތުރަށް އެއްބާރުލުން ދެވޭނެ ދާއިރާތަކާމެދު ހިޔާލު ބަދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ތުރުކީވިލާތުގެ އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައެވެ.

މި ބައްދަލުކުރެއްވުމުގައި ތުރުކީގެ ނައިބު ރައީސް ވަނީ ރައީސް ޑޮކްޓަރ މުއިއްޒަށް މަރުހަބާ ވިދާޅުވެ، މަގާމާ ހަ ވާލުވެވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި މި ސަރުކާރުން ރާއްވަވާފައިވާ ބޮޑެތި ކަންކަމާ ގުޅޭ މައުލޫމާތު، ތުރުކީވިލާތުގެ ނައިބު ރައީސަށް ރައީސް ދެއްވިއެވެ.

އަދި މި ދެބޭފުޅުން ވަނީ، ޣައްޒާގައި ފަލަސްޠީނުގެ އާންމު ރައްޔިތުންނަށް އިސްރާއީލުން ކެނޑިނޭޅި ދެމުންދާ ހަމަލާތަކަށް ބައިނަލްއަގްވާމީ ދުނިޔެއިން އެދެވޭ ރައްދެއް ނުލިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ހަމައެއާއެކު ފަލަސްޠީނުގައި މިނިވަން ދައުލަތެއް ގާއިމުކޮށް، އެ ގައުމުގެ އިސްތިގުލާލުގެ ދިފާއުގައި ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ހައްގު މަސައްކަތަށް ދިވެހިރާއްޖެއާއި ތުރުކީވިލާތުން ފުރިހަމަ ތާއީދު އޮތްކަން ރައީސުލްޖުމްހޫރިއްޔާއާއި ތުރުކީވިލާތުގެ ނައިބު ރައީސް ތަކުރާރު ކުރެއްވިއެވެ.