މިއީ އަޅުގަނޑުގެ ވަރަށްގާތް އެކުވެރިއަކަށް ދިމާވި ހާދިސާ އެކެވެ. އަޅުގަނޑުގެ އެކުވެރިޔާއަށް ވަޒީފާގެ ގޮތުން ވަރަށް ގިނައިން އަތޮޅުތެރޭގެ ރަށްތަކަށް ދާން ޖެހެއެވެ. މި ގޮތުން ކައިރި ރަށަކަށް ދިޔަ ދުވަހެކެވެ.
ދުވަސްވަރަކީ ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެ، އެ މަސައްކަތުން އެންމެންވެސް ނަފާ ހޯދަމުން ދިޔަ ދުވަސް ވަރެވެ.
ރަހުމަތްތެރިޔާ ދިޔަ ރަށަކީ ރިސޯޓް ތަކާ ވަރަށް ކައިރީގައި އޮންނަ ފަތުރުވެރިން ވަރަށް ގިނައިން ޒިޔާރަތްކުރާ ރަށެކެވެ. މިރަށުގެ ގިނަ ރައްޔިތުން ރަޙުމަތްތެރިޔާ ދަނެއެވެ. ބޮޑުމަގުން އަރައިގެން ރަށުތެރެއަށް ދަނިކޮށް ފިހާރައެއް ފެނިއްޖެއެވެ. ގަންނަން ވެފައިއޮތް އެއްޗެއް ހުރިތޯ ބަލާލަން ފިހާރައަށް ވަނެވެ.
އެ ފިހާރައިގައި އެ ޒަމާނު ރަށަކުން ލިބޭނެ ހުރިހާ ބާވަތެއްގެ ސާމާނު ހުއްޓެވެ. ޕާޓަރ ސެންޓާއި، އަންހެންކުދިން ބޮލުގައި ޖަހާ ބޮއްކާއި، ޓިސްދައްޗާއި. އޯކޭ ސެންޓާއި، ފެހި ކޯލާވާޓަރާއި، ޕެޓްރޯލު ލައިޓަރާއި، ބިގަރު މެންޓެލި އަދި ދުންފަތް ކެއްޓުވެސް ފެންނަ ހިސާބުގައި ހުއްޓެވެ. މީގެ އިތުރަށް ދަތްކުދި ފުނާއާއި ކެލެމިންލޯޝަން ފަދަ ބާވަތް ތަކުން ފިހާރަ ހުރީ ފުރިފައެވެ.
ފިހާރައިގެ ވެރިޔާއަށް ރަޙުމަތް ތެރިޔާ ފެނުމުން ބުޏްޏެވެ. "މިހާރު މި އުޅެނީ މި ފިހާރަ ބަންދުކޮށްފައި ޝޮޕެއް ހުޅުވާށެވެ." ރަޙުމަތްތެރިޔާ ވަރަށް ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގި އިރުކޮޅަކު ހުއްޓެވެ. އަނެއްކާވެސް ވިޔަފާރި ވެރިޔާ ބުންޏެވެ. މި ވިޔަފާރިއަށްވުރެ މިހާރު ތޮށިމައްޗަށް ގޮސް ޗާޓަރުބޮއްޔެއް ނަގައިގެން ވިއްކާލިއަސް މާ ފައިދާވެއެވެ. ގައިމު މި ރަށު ހަސަނުގޯތީ އަހަންމަދުމެން ތޮށި މައްޗަށް ގޮސް އަލިފާން ބޮއްޔާއި، ނައިބޮއްޔާއި ބޮޑުބޮލިތައް ނަގައިގެން އެ އޮށް ޑޮލަރުތައް ހޯދައި ނަގަނީ ވިއްޔާއެވެ.
ރަޙުމަތްތެރިއާ އަށް މި ވީ ގޮތް އެނގިއްޖެއެވެ. ރަށްރަށުގައި މިހުންނަ މިހާރު ކިޔާގޮތުންނަމަ، ކަންމަތީ ފިހާރަތަކަށް ގެސްޓް ޝޮޕްތަކުގެ ނުފޫޒު ފޯރީ އެވެ. އަމިއްލަ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ހުޅުވާފައިވާ ފިހާރަތައް ހިންގާ ފަރާތްތަކަށް ޑޮލަރުގެ އަގު ބޮޑުވީއެވެ. ވާނީވެސް އެހެންތާއެވެ. 10 ރުފިޔާ އަށް 1 ޑޮލަރު ލިބެއެވެ. އެދުވަސްވަރު 100 ރުފިޔާއަށް ގަންނަ ތަކެތި 10 ޑޮލަރަށް ވިކާލަނީ ޑޮލަރަށް ހިތްޖެހިފައި ތިބި ވަރުންނެވެ.
މިހާރު ރަޙުމަތްތެރިޔާއަށް މޭރުން ވެއްޖެއެވެ. މި އުޅެނީ މުދާލާ ޝިކާރަ ކޮށްފައި ހުރި ފިހާރަ ބޮލިކޮޅަކާއި ފަތުރުވެރިންނަށް ޚާއްޞަ ޓީޝާޓައި އެމީހުން ގަންނަ ޒާތުގެ ހަދިޔާ (ސުވެނިޔަރ) ހުންނަޝޮޕަކަށް ބަދަލުކޮށްލާށެވެ. ރަށްރަށުގައި އޭރު ޝޮޕް ކިޔަނީ ހަނދާނީ ހަދިޔާ ވިއްކާ (ސްވެނިއަރ ޝޮޕް) ތަކަށެވެ.