ވައިގެމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ވައިގެމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.
މިމަހު 27 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ފުވައްމުލަކު އެއާޕޯޓުން އޭނާ ފުލުހުންގެ ބެލެމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި ފިލްމު ހުސްކުރި ދަޅެއްގެ އިތުރުން 36 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް އެ ފަރާތުން ވިދާޅުވިއެވެ.
މީގެއިތުރުން މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
އަދި މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.