އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އެ ކުންފުނީގައި ޖެނެރަލް މެނޭޖަރުގެ މަގާމުގައި އިންނެވި އާމިނަތު ޒީނިޔާ ހަމަޖައްސައިފިއެވެ.
އާސަންދަ ކުންފުނީގެ އެންމެ ފުރަތަމަ މުވައްޒަފެއްގެ ގޮތުގައި ރަޖިސްޓްރީ ކުރި ސްޓާފް ކަމަށްވާ އާމިނަތު ޒީނިޔާއަކީ އާސަންދަ އެކުންފުނީގައި މަސައްކަތް ކުރައްވާތާ އެންމެ ގިނަ ދުވަސްވީ އެއް މުވައްޒަފުކަމުގައި ވާނެއެވެ. ޒީނިޔާ އާސަންދައާ ގުޅިވަޑައިގެންނެވީ 12 ފެބްރުއަރީ 2012ގައި އެކުންފުނީގެ މެޑިކަލް ޑިރެކްޓަރުގެ ގޮތުގައެވެ.
އަދި އެމްޑީއަކަށް އައްޔަން ކުރުމުގެ ކުރިން އާމިނަތު ޒީނިޔާ އިންނެވީ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ.
އާސަންދަ ސްކީމް ހިންގެވުމަށް ތަފާތު އެތައް މަސައްކަތްތަކެއް މިހާތަނަށް ކުރައްވާފައިވާ ޒީނިޔާ ވަނީ އާސަންދަ ކުންފުނީގެ މެޑިކަލް ޑިޕާޓްމަންޓާއި އެވެއަރނެސް ޑިޕާޓްމަންޓާއި ކަސްޓަމަރ ސަރވިސް ސެކްޝަނާއި ޕަބްލިކް ރިލޭޝަންގެ އިތުރުން ބިޒްނަސް ޑިވެލޮޕްމަންޓް ސެކްޝަންގެ މަސައްކަތްތައްވެސް ބަލަހައްޓަވާފައެވެ.
އާސަންދަ ކުންފުންޏަށް ވަޑައިގެންނެވުމުގެ ކުރިން، އާމިނަތު ޒީނިޔާވަނީ ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހަބިލިޓޭޝަން (މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ) ގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު އަދާކުރައްވާފައެވެ.
އާމިނަތު ޒީނިޔާ ވަނީ ދިގުމުއްދަތަކަށް ނަރުހެއްގެ އެކިއެކި މަޤާމުތަކުގައި ސެންޓްރަލް ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާފައެވެ.
2008 ވަނަ އަހަރު ޑަބްލިއު.އެޗް.އޯ އިން ލިބުނު ސްކޮލަރޝިޕެއްގައި، އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގްއިން މެންޓަލް ހެލްތު ނަރސިންގ އިން މާސްޓަރސް ޙާސިލް ކުރެއްވުމަށްފަހު ރާއްޖެވަޑައިގެން، ހެލްތު މިނިސްޓްރީގެ ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް ޑިޕާޓްމަންޓްގައި، ޕަބްލިކް ހެލްތު ޕްރޮގްރާމްގެ ކޯޑިނޭޓަރގެ މަގާމުވެސް ފުރުއްވާފައިވެއެވެ.
ހޮސްޕިޓަލުގެ ކްލިނިކަލް މަސައްކަތް ދޫކުރައްވާ މެނޭޖްމަންޓް ދާއިރާއިން ކުރިއަށް ވަޑައިގެން އާމިނަތު ޒީނިޔާވަނީ 2019 ގައި ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑް، ބްރިސްޓޯލްއިން މާސްޓަރ އޮފް ސައިންސް އިން ޕަބްލިކް ހެލްތު ޙާސިލް ކުރައްވާފައެވެ.