ތުރުކީވިލާތުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރޭޑް، މުސްތަފާ ޓުޒްކޫ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާ ދެ ގައުމުގެ ދެމެދު އިމާރާތް ކުރުމުގެ ދާއިރާއިންނާއި، އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުން އޮތީ މިރޭ ތުރުކީވިލާތުގެ އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައެވެ.

މި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، އިމާރާތް ކުރުމުގެ ދާއިރާއިންނާއި، އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ގާއިމު ވެފައިވާ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުންނާއި، ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި މި ދެބޭފުޅުން ވަނީ، ރާއްޖެއާއި ތުރުކީވިލާތުގެ މަސްވެރިންނާއި، މަހުގެ ބާވަތްތައް އުފައްދާ ކާރުހާނާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ތުރުކީވިލާތާ ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިންނާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހި ރައްޔިތުން ތިބީ މިހާރަށްވުރެ ފާގަތި ގައުމީ ތަރައްގީއެއްގެ އިންތިޒާރުގައިކަން ފާހަގަ ކުރައްވައި، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖެއަކީ ހުޅަނގާއި އިރުމައްޗާ ގުޅުވައިދޭ ހަބެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވެ، އެކަން ހާސިލްކުރުމަށްޓަކައި ޓަރކިޝް އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމުގެ މުހިންމުކަން ރައީސް ހާމަ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ، އެމަނިކުފާނުގެ ދައުރުގައި ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް ޑރ. މުއިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.