މާލޭ މަސްމާރުކޭޓަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް މުހިންމު ތަނެކެވެ. ޒަމާނުއްސުރެ މާލެއަށް ބާނާ މަސް ވިއްކަނީ އެތަނުގައެވެ. ކުރިން ގޭބިސީތަކުން ކައްކާނެ އެއްޗެއް ހެދުމަށް މަސްގަނެއުޅުނީ ހަމައެކަނި މަސްމާރުކޭޓުން ކަމަކު، މިހާރު އެހެނިހެން ގޮތްގޮތުން ވެސް މަސްލިބެން ހުރެއެވެ. ނަމަވެސް އަދިވެސް މަސް މާރުކޭޓަށް ޒިޔާރަތްކުރާ މީހުން މަދެއް ނޫނެވެ. ކުޑަ ވިޔަފާރިއެއްގެ ފެންވަރުގައި މަސްކައްކާ މީހުންވެސް އެ މާރުކޭޓުން މަސް ގަނެގެން ގެންދާ ތަން އަދިވެސް ފެނެއެވެ. އޮޑިދޯނިފަހަރުން އެކި ވަރުވަރުގެ މަސް، އެކި ގަޑިތަކުގައި ބާލައިގެން މަސް މާރުކޭޓުގައި ވިއްކުމަށް ވައްދާތަން ވެސް ފެނެއެވެ. ބޮޑު ކަންނެލިވެސް އޭގެ ތެރޭ ހިމެނެއެވެ. އަދި ރެހިވެސް މެއެވެ.

މާލޭ މަސްމާރުކޭޓު ހުންނަނީ ބޮޑުތަކުރުފާނު މަގުގައި، "މާރުކޭޓު ސަރަހައްދު" ގައެވެ. މީގެ 14 ވަރަކަށް އަހަރުކުރިން އެތަނަށް ގެނައި "އަޕްގްރޭޑަށް" ފަހު، އެ މާރުކޭޓަކީ މަސް ކެނޑުމުގެ ޚިދުމަތްވެސް ލިބޭ ތަނެކެވެ. އަދި މަސްތައް ބަހައްޓާފައި ހުންނަނީ އެކަމަށް ޚާއްސަކޮށް ހަދާފައިވާ ތަށިމުށި ޖެހި ތަޅުމެއްގައެވެ. އޭގެ ކުރިން އެތަނުގައި މަސް އަތުރާ އުޅުނީ އާދައިގެ ތަޅުންގަނޑެއްގައެވެ. އަދި އޭރު މަހުން ފައިބާ ލޭ ދާނެ ވަކި ޚާއްސަ ކާނުތަކެއް ހެދިފައެއް ނުހުރެއެވެ. ނަމަވެސް އަދިވެސް މަސްބަހައްޓާފައި ހުންނަ ބައެއް އަށިތަކުން ބޭރުވާ ލޭ އެންމެ އެކަށީގެންވާ ގޮތަށް ބޭރުވެގެން ދާނެ ނިޒާމެއް ހުރިހާ ދިމާއެއްގައި ނެތެވެ.

މަގުމަތީގެ ހާލަތު

މާލޭ މަސްމާރުކޭޓު ހުންނަ ސަރަހައްދަކީ ބާޒާރުމަތީ ސަރަހައްދު ކަމަށް ވެފައި، އެ ދިމާގެ މަގުތަކަކީ އަބަދުވެސް ވަރަށް ގިނަ މީހުން ބޭނުން ކުރާ މަގުތަކެކެވެ. އަދި ދުއްވާ އެއްޗެހި ވެސް ވަރަށްގިނަ މަގުތަކެކެވެ. ބޮޑުތަކުރުފާނު މަގަކީ މާލޭގެ ހުޅަނގުން އިރަށް ދާން އޮންނަ އެންމެ ބޮޑު އެއްމަގެވެ. އަދި މާލޭގެ އުތުރު ފަރާތުގައި އޮންނަ ހަމައެކަނި މަގެވެ. މާލޭ ނޯތު ހާބަރުން މުދާ ބަރުކޮށްގެން، ނުވަތަ އެތަނަށް މުދާ ހުސްކުރާ އެއްގަމު އުޅަނދުފަހަރު ދަތުރު ކުރަން އޮންނަ އެއްކޮޅަށްދުއްވާ މަގެވެ. އެމްޕީއެލްގެ މާލޭ ކޮމަރޝަލް ހާބަރުންވެސް މުދާ ބަރުކޮށްގެން، މާލޭ މަސްމާރުކޭޓު ކުރިމަތިންލާފައި ދަތުރު ކުރާ އުޅަނދުފަހަރު މަދެއްނޫނެވެ. މަސް މާރުކޭޓު ކުރިމަތީ އޮންނަ "ލޯކަލް މާރުކޭޓް" އަށް ވެސް ދެވެނީ އެމަގުންލާފައެވެ. ވީމާ އެމަގަކީ ވަރަށް "ބިޒީ" މަގެކެވެ. ނަމަވެސް މަސް މާރުކޭޓު ހުންނަނީ އެ މަގުގެ ދެކުނު ފަޅީގައި ކަމުން، އޮޑިދޯނިފަހަރުން މަސް ހިފައިގެން މާރުކޭޓަށް ވެއްދުމަށް މަގު ހުރަސްކުރަން ޖެހެއެވެ. އަތުން ހިފައިގެންނެވެ. ނުވަތަ ޓައްޕަކަށް ނުވަތަ ބާލިދީއަކަށް އަޅައިގެންނެވެ. ނުވަތަ ފުރޮޅުލާފައިހުންނަ ޓްރޮލީ އެއްގައެވެ. ނުވަތަ ބޮޑުމަސްނަމަ، އެއްކޮޅުގައި ހިފައިގެން ދަމާފައެވެ.

މަގު ހުރަސް ކުރުމުގައި އެއްގަމުގައި ދުއްވާ އުޅަނދުފަހަރާ ދިމާވެއެވެ. އޭގެ ސަބަބުން ހުރަސް ކުރާ މީހާއަށާއި ވެހިކަލްތަކަށް ދަތި ވެއެވެ. ކާރުބާރުބޮޑު މަގެއްގައި ވެހިކަލެއް ބުރަކި ޖެއްސުމުން ފަހަތުން އަންނަ ހުރިހާ ވެހިކަލެއް މަޑު ކުރަންޖެހޭނެއެވެ. ނަތީޖާ އަކީ ހުރިހާ އެންމެންނަށްވެސް އުދަނގޫ ވުމެވެ. ވަގުތު ގެއްލުމެވެ. އިތުރު ޕެޓްރޯލް އެނދުމެވެ.

މަގުމަތީގައި ދަމާފައި މަސް ގެންދިއުމަކީ ސިއްހީގޮތުން ރަނގަޅު ނޫންކަމަކަށް ވުމުގެ އިތުރުން، އޭގެ ސަބަބުން މަގުވެސް ހަޑިވެއެވެ. އަދި މަހަށް ގެއްލުންވެ، ލޭތައް މުޅިތަނަށް ފައިބައެވެ. މަސްމާރުކޭޓު ކުރިމަތިން މަގު އޮންނަނީ މިފަދަ ހާލަތެއްގައެވެ. އެ މަގުން މާ ބޮޑަށް ވަސް ދުވަންފެށީމަ ކޮންމެވެސް ވަރަކަށް ދޮވެލައެވެ.

މާލޭ މަސްމާރުކޭޓުގެ ފުރަގަހުން އޮންނަނީ ކަނޑިދޮންމަނިކު ގޯޅިއެވެ. އެ މަގަކީވެސް ވަރަށް ގިނަ ވެހިކަލް ބޭނުންކުރާ މަގެކެވެ. ނަމަވެސް، މަސްމާރުކޭޓާ ދިމާއިން، އެ މާރުކޭޓުގެ އެތެރެ ދޮވެލުމުން އެޅޭ ފެނުން އޮންނަނީ އެ މަގުމަތީ ފެންބޮޑުވެފައެވެ. އެއީ ބައެއްފަހަރު މަސްވަސް، އަނެއްބައިފަހަރު ކުލޮރިން ވަސް ދުވާ ފެންގަނޑެކެވެ. މިއީވެސް ސިއްހީ ގޮތުން ރައްކާތެރި ކަމެއް ނޫނެވެ. އަދި ކުލޮރިންފެނަކީ ދަގަނޑުގައި ދަބަރު ޖައްސާ ކެމިކަލެކެވެ. އެހެންކަމުން އެ ފެންގަނޑު ހުރަސްކުރާ ވެހިކަލްތަކަށް ވެސް އެއިން ގެއްލުން ލިބެއެވެ.

މިނޫންގޮތެއް ނެތީއެއް ނޫން!

މަސް މާރުކޭޓު އެ ހުރިތަނުގެ ސަބަބުން ދިމާވާ މައްސަލަތައް އެހާ ގިނައެވެ. ސިއްހީގޮތުންނާއި، ޓްރެފިކްގެ މައްސަލަތަކުގެ އިތުރުން، އެއާ ގުޅިގެން މީހުންގެ ވަގުތު ގެއްލުމާއި، ޕެޓްރޯލު އަނދާވަރު އިތުރުވުމާއި، ކްލޮރިންގެ ސަބަބުން ވެހިކަލްތަކަށް ލިބޭ ގެއްލުންވެސް އޭގެތެރޭގައި ހިމެނެއެވެ. ވަކިން ހާއްސަކޮށް ރޯދަމަހު އެ މަގުގައި އިތުރަށް ބާރުބޮޑުވެއެވެ. އަދި ފުލުހުންގެ ވަރަށް ބޮޑު ރިސޯސްތަކެއް އެދިމާގައި ބޭނުންކޮށްގެން މެނުވީ ހިފަހައްޓާލެވޭ ވަރެއް ނުވެއެވެ. ވީމާ މަސްމާރުކޭޓު އެ ނޫންތަނަކަށް ބަދަލު ކުރެވިއްޖެ ނަމަ، މިހުރިހާ ކަމަކަށް ހައްލު ލިބޭނެއެވެ.

މިއީ ކުރިންވެސް ދައްކާފައިވާ ވާހަކައެއް ކަމަށްވެސް ވެދާނެއެވެ. ނަމަވެސް މާލޭ މަސްމާރުކޭޓު ކުރިމަތީ އޮންނަ ލޯކަލް މާރުކޭޓުގެ ބިތްދޮށުގައި ހުންނަ ވަޅޯމަސް މާރުކޭޓަކީ، މަސްމާރުކޭޓާ ދާދި އެއްވަރުގެ ތަނެކެވެ. މިދެތަން ދެތަނާ ބަދަލު ކުރެވިއްޖެ ނަމަ، ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބޭނެއެވެ. ސައިޒުގެ ގޮތުން ބަލާއިރު އެ ދެ ތަނަކީ ވަރަށް އެއްވަރު ދެތަނެވެ. ވީމާ މަސް ބެހެއްޓުމަށް އަށިތަކެއް ރާނާފައި، މަސްކެނޑުމަށްވެސް އަށިތަކެއް ރޭނުމަށް ޖާގަ އެބަ އޮތެވެ. އަދި މިހާރުވެސް މަސްމާރުކޭޓުގައި ހުރި ގޮތަށް ހުރިހާ ކަމެއް ނަކަލު ކުރެވިދާނެއެވެ. ނަކަލުކުރުމުގެ އިތުރުން، އެއަށް ވުރެއް ރަނގަޅަށް ތަރައްގީ ކުރެވިދާނެއެވެ.

މާލޭ މާރުކޭޓު ސަރަހައްދު

މިހާރު މަސްމާރުކޭޓަށް މަސް ވައްދާ ދިމާއަކީ، މީހުންވެސް މާރުކޭޓަށް ވަދެނުކުމެވާ ދިމާއެވެ. ނަމަވެސް، ވަޅޯމަސްމާރުކޭޓުހުރި އިމާރާތަށް މަސް ވެއްދުމަށް އެތަނުގެ ހުޅަނގު އުތުރު ފަރާތުން ދޮރެއް ހަމަޖައްސައިފާ، މަސްގަންނަން އަންނަ މީހުން ވަދެނުކުތުމަށް އެހެން ދިމާއެއް ހަމަޖައްސައިފިނަމަ، މަހުން ފައިބާފައި ހުންނަ ލޭ، މީހުންގެ ފައިވާނުގައި އުނގުޅުން މަދުކުރެވެނޭނެއެވެ. އަދި މަސްބަހައްޓާ ކޮންމެ އައްޓެއްގެ ވަށައިގެން ފައިބާ ލޭ ދެމުމަށް ހާއްސަ ނަރުދަމާ ކާނުތަކެއް ހެދުމުންވެސް، މީހުންގެ ފައިވާނުގައި ލޭ އުނގުޅުން މަދުވާނެއެވެ. މިއީ ސާފުތާހިރުކަމަށް ލިބޭ އިތުރު ބާރެކެވެ.

މިގޮތަށް މަސްމާރުކޭޓު ބަދަލު ކުރުމުން، ބޮޑުތަކުރުފާނު މަގަށް ލިބިގެންދާނެ ކުރިއެރުން އެހާ ގިނައެވެ. މިހާރަށްވުރެ ސާފު ވާނެއެވެ. ޓްރެފިކް ތޮއްޖެހުން ކުޑަވާނެއެވެ. މީހުންގެ ވަގުތު ސަލާމަތްވާނެއެވެ. ޕެޓްރޯލު އަނދާވަރު މަދުވާނެއެވެ. ރޯދަމަހު ފުލުހުންނަށްވެސް އެ ހިސާބު ބެލެހެއްޓުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ.