ކުރިއަށް އޮތް ޑިސެމްބަރު 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ތައިލެންޑް އިންޓަނޭޝަނަލް ޔޫތު ކަޕް" ގައި ވާދަ ކުރުމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ)ގެ "އަޝްފާޤް އެކަޑަމީ" އާއި ދަގަނޑޭގެ ހިއްސާ އޮންނަ "ސަސް އެކަޑަމީ" ރޭގެ ވަގުތެއްގައި ތައިލެންޑަށް ހިނގައްޖެއެވެ.

އަޝްފާޤް އެކަޑަމީ އާއި ސަސް އެކަޑަމީއިން މުބާރާތުގައި ވާދަކުރަނީ 14 އަހަރުން ދަށުގެ ކެޓަގަރީގައެވެ. މިދެޓީމުގެ ލީޑް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ ރާއްޖޭގެ ޔޫތު އެކަމީތަކުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ކޯޗް ކަމުގައިވާ ފަރީދު މުހައްމަދެވެ.

މުބާރާތަށް ފުރުމުގެ ކުރިން "ހަލި ނިއުސް" އާ ވާހަކަ ދައްވަކަމުން ކޯޗް ފަރީދު ބުނީ މުބާރާތުގައި ވާދަކުރުމަށް ވަރަށް ރަނގަޅަށް ތައްޔާރުވެވިފައިވާ ކަމަށާއި ޒުވާން ކުޅުންތެރިންނަށް މިމުބާރާތުން ރަނގަޅު ތަޖުރިބާތަކެއް ހޯދައިދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

މިމުބާރާތުގައި ރާއްޖޭގެ އިތުރުން 10 ގައުމެއްގެ އެކަޑަމީ ތަކުން ބައިވެރިވެއެވެ. މީގެ ތެރޭގައި ޗައިނާ، ޖަޕާން، އިންޑޮނޭޝިޔާ، އިންޑިޔާ އަދި މެލޭޝިޔާ ފާހަގަ ކޮށްލެވެއެވެ.