ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގައި ހިމެނޭ ފެރީއާއި ބަސް ދަތުރުތަކުގެ ހިދުމަތް ހޯދުމަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަނަށް ޑިޖިޓަލް ވޮލެޓެއް ތައާރަފްކޮށްފިއެވެ.

އެމްޓީސީސީން އާރުޓީއެލް ވޮލެޓްގެ ނަމުގައި އިތުރުކުރި ފީޗާގެ ސަބަބުން ފެރީއާއި ބަސް ދަތުރުތަކަށް ދުރާލާ، ފަސޭހަކަމާއިއެކު ކަސްޓަމަރުންނަށް ފައިސާ ޖަމާކޮށްފައި ބެހެއްޓޭނެ އެވެ.

މީގެއިތުރުން އެމްޓީސީސީން ވިދާޅުވީ މިގޮތަށް މި ވޮލެޓަށް ފައިސާ ޖާމަކޮށްފައި ބެހެއްޓޭނީ އާރުޓީއެލް އެޕްލިކޭޝަންގައި އީމެއިލް އާއި ފޯން ނަންބަރު ވެރިފައިކޮށްފައިވާ ކަސްޓަމަރުންނަށް ކަމަށެވެ.

އަދި ވެރިފިކޭޝަން މަރުހަލާ ރަނގަޅަށް ފުރިހަމަކޮށްފިނަމަ އެޕްލިކޭޝަންގައިވާ އެމީހެއްގެ ޕްރޮފައިލް ކައިރީގައި ފެހި ކުލައިގެ ހެޔޮ ފާހަގައެއް ފެންނާނެކަމާއި އާރްޓީއެލް ވޮލެޓަށް ވަނުމަށްފަހު ޓޮޕް-އަޕްއަށް ފިއްތާލައިގެން ކަސްޓަމަރުން ބޭނުންވާ ކޮންމެ ބޭންކެއްގެ ކާޑެއް ބޭނުންކޮށްގެންވެސް ފައިސާ ޖަމާކުރެވޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ހަމައެއާއެކު އާރްޓީއެލް އެޕްލިކޭޝަނަށް އިތުރުކުރި ވޮލެޓްގެ ސަބަބުން ކަސްޓަމަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެމްޓީސީސީން ވިދާޅުވެފައިވެއެވެ.